ޚަބަރު

އަޟްޙާ ޢީދު ނަމާދު މާލޭގެ 25 މިސްކިތުގައި، ބޮޑު ޖަމާޢަތް 4 ސަރަޙައްދުގައި


މާލޭގެ 4 ސަރަޙައްދެއްގައި އަޟްހާ އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭ ސްޓޭޑިއަމާއި، ހުޅުމާލޭ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި، ވިލިނގިލީގެ ބޯޅަދަނޑުގައިވެސް ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭ ހިމެނޭހެން އިތުރު 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ 2 މިސްކިތެއްގެ އިތުރުން ހުޅުލޭގެ 2 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެކެވެ.

މާލޭގައި ކޮންމެ ޢީދެއްގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި އަންނަނީ ކުރަމުންނެވެ. ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވެސް މިފަހަރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށްވަނީ ހަމަޖައްސަވާފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 28 ވާ ބުދަދުވަހެވެ.