ޚަބަރު

"ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑަލް" 4 ބޭފުޅަކަށް


ސިފައިންގެ ޚިދުމަތުގައި ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ 4 ބޭފުޅަކަށް "ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑަލް" ދެއްވައިފިއެވެ.

މިބޭކަލުންނަށް މިމެޑަލް ދެއްވާފައިވަނީ ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑަލް ފުރަތަމަ ފަހަރަށް ދެއްވާފައިވާއިރު، މިމެޑަލް މިބިވަޑައިގަންނަވާފައިވަނީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ރިޓަޔަރޑް ޢަބްދުއްސައްތާރު އާދަމް(އަމްބަރީ ޢަބްދުއްސައްތާރު)އާއި، ނިޝާން އަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް ރިޓަޔަރޑް، މުޙައްމަދު ޒާހިރާއި، މޭޖަރ ޖެނެރަލް ރިޓަޔަރޑް، މޫސާ ޢަލީ ޖަލީލްއާއި، މޭޖަރ ޖެނެރަލް ރިޓަޔަރޑް، އަޙްމަދު ޝިޔާމްއެވެ.


ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑަލަކީ ސިފައިންގެ ޚިދުމަތުގައި އެންމެ މަތީ މަޤާމުތަކުގައި ރައްޔިތުންނަށް ޚިދުމަތްކުރައްވާ، ޝަރަފްވެރިކަމާއެކު، ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވުމަށްފަހުގައިވެސް ދިވެހި އަސްކަރިއްޔާގެ އިސް ޚިދުމަތްތެރިއެއްގެ ގޮތުގައި ދައްކުވައިދެއްވާފައިވާ ފުރިހަމަނަމޫނާއާއި ސާބިތުކޮށްދެއްވާފައިވާ އަސްކަރީ އަޚްލާޤު ފާހަގަކޮށް އަސްކަރިއްޔާއިން އަރުވާ ޚާއްސަ މެޑަލްއެކެވެ.

މިމެޑަލް އަކީސިފައިންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފަޔާއެކު އެރުވުމަށް ނިންމަވާފައިވާ މެޑަލްއެކެވެ. މިމެޑަލް އަރުވަނީ، އަސްކަރިއްޔާ ފަޚުރުވެރިވާފަދަ އަޚުލާޤެއް ސިފައިންގެ ޚިދުމަތާއި ވަކިކުރެއްވުމަށްފަހުވެސް، ޢަމަލާއި ބަހުން ޘާބިތުކޮށްދެއްވާފައިވާ ބޭކަލުންނަށެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައިވަނީ ސިފައިންގެ އެކި ރޭންކްތަކުގެ ބޭކަލުންނަށް މެޑަލް ޙަވާލުކުރައްވާފައެވެ. އަދި ރީތި ނަން ހޯދާފައިވާ ފަރާތްތަކަށް ލިޔުން ޙަވާލުކުރައްވާފައިވާއިރު، އެކިގޮތްގޮތުން ސިފައިންގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށްވަނީ ފިލާއަރުވާފައެވެ. މިހުރިހާ ފަރާތަކަށްވެސް މެޑަލްއާއި ފިލާ އަދި ލިޔުން ޙަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.