ޚަބަރު

އެމްޑީޕީން މަސައްކަތްކުރަނީ ކޯޓަށް ނުގޮސް މައްސަލަ ހައްލުކުރަން: އަސްލަމް


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުޓުވާފައި އޮންނަ މައްސަލަ ކޯޓަށް ނުގޮސް ހައްލުކުރެއްވުމަށް އަދިވެސް މަސައްކަތްކުރަމުންދާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާތީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަންވާކަން ހާމަކުރައްވާފައެވެ. އަދި ރައީސް ނަޝިދު ވަނީ އެ ދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާތީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމައި ގުޅޭގޮތުން ދެން ޢަމަލުކުރައްވާނެގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރައްވާފައި ނުވާކަމަށް ވިދާޅުވެފައެވެ. މިއާއެކު މަޖިލީހުގެ ޖަލްސާތައް ހުއްޓި ޤާނޫނީ ހުސްކަމަކަށް ވަނީ ގޮސްފައެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި މަޖިލީހަށް ހުށައަޅާފައި ވީނަމަވެސް، ރިޔާސަތު ބަލެހެއްޓެވުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްއަށް މަޖިލީހުގެ ރިޔާސަތު ބެލެއްޓެވުމަށް އުޒުވެރިވެވަޑައިގަންނަވާނަމަ، މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ފަސް މެންބަރުންނަށް ރިޔާސަތު ބެލެއްޓެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅަފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ މަޖިލިސް ހުއްޓުވޭނެ ޖާގައެއް މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގެންފައި ނުވާނެކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ނުބައްވާ އޮތުމަކީ މަޖިލީހުގެ ރައީސް ޤާނޫނީ ޒިންމާ އަދާ ނުކުރެއްވުންކަމަށް އަސްލަމް ސިފަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ހުއްޓުވާފައިވާ މައްސަލައަށް ހައްލެއް ގެންނެވުމުގެގޮތުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ އެންމެފަހު ގޮތްކަމަށާއި، އެކަން ކުރައްވަން ޖެހިވަޑައިގެންފިނަމަ އެކަން ކުރައްވާނެކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހައްލުނުވެގެން ކޯޓަށް ދަންޖެހުމަކީ އަޅުގަނޑު ދެކޭގޮތުގައި ތަންކޮޅެއް ދެރަކަމެއް. އެކަން ނުކޮށްވެސް ވޭތޯ ބަލަން. ނަމަވެސް އެހިސާބަށް ދާންޖެހިއްޖެނަމަ އަޅުގަނޑުމެން އެހިސާބަށްވެސް ދާނަން." އަސްލަމް ވިދާޅުވިއެވެ.

ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރު މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅާފައިވީނަމަވެސް، މަޖިލީހުގެ މިދައުރު ނިންމަވާލެއްވީކަމެއް މަޖިލީހުގެ އިދާރާއިން އަދި މަޖިލީހުގެ ރައީސްވެސް އަންގަވާފައިނުވާކަމަށެވެ.

މީގެ އިތުރުން މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރިކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭއެސްސީ އިސްލާހުކުރެއްވުމަށް ހުށައަޅުއްވާފައިވާ ބިލްތަކާއި، ޤާނޫނޫ އަސާސިއަށް ހުށައަޅަފައިވާ އިސްލާހުތަކެއްގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ މެންބަރަކު އައްޔަންކުރެއްވުމުގެ މައްސަލަވެސް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށައަޅާފައިވާނިކޮށް، އެމައްސަލަތައްވެސް ކުރިއަށް ނުގެންދަވާކަމުގެ ކަންބޮޑުވުން އަސްލަމް ފާޅުކުރެއްވިއެވެ.

އަސްލަމް ވަނީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތް މައްސަލަ ޙައްލުކުރެވުމަށް މަޖިލީހުގެ ރައީސް މަސައްކަތްޕުޅު ނުކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ.