ޚަބަރު

ސްޓެލްކޯއާމެދު އާއްމުންގެ ތެރޭގައި އޮތް ކަންބޮޑުވުންތަކަށް ޙައްލެއް ހޯދާނަން: ޝަރީފް


ސްޓެލްކޯއާއި އެކުންފުނީގެ ޚިދުމަތާއި މެދު ޢާއްމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، ވަރަށް އަވަހަށް އެކަމުގައި ކުރިއެރުންތަކެއް ލިބޭނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެއްވެސް ގެއަކުން ނުހޯދާ ޚިދުމަތަކަށް ސްޓެލްކޯއިން ބިލްނުކުރާނެކަމަށާއި، އެކަން ޢާއްމުންނަށް އަންގައިދިނުމަށް ޒަމާނީ ނިޒާމެއް ތަރައްޤީކުރަމުން އަންނަކަމަށެވެ.

ކޮންމެ މަހަކުވެސް ކަރަންޓު ބިލް އައުމާއެކު، ޢާއްމުންގެ ފަރާތުން ސްޓެލްކޯގެ މުވައްޒަފުންނާއި، ސްޓެލްކޯގެ ޚިދުމަތްތެރިންނަށް ނުރުހުންތެރިކަމާއި އެތައް ތުހުމަތުތަކަކާއި ކުރިމަތިލާންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި، މަދު މަސްތަކެއްގެ ތެރޭގައި އެބަދަލު ފެނިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ސްމާޓް މީޓަރ ހަރުކޮށް ކޮންމެ ދުވަހަކުވެސް އެގެއަކުން ކަރަންޓު ބޭނުންކުރާވަރު ފެންނަން ހުންނާނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިނިޒާމާއެކު، ކޮންމެ ގެއަކުން ކޮންމެ ދުވަހަކު، އަދި ކޮންމެ މަހަކުވެސް ކަރަންޓު ބޭނުންކުރާ ގޮތް ފެނިގެންދާނެ. ބޭނުންކުރެވޭ ނިސްބަތް ދަނީ މައްޗަށްތޯ، ނުވަތަ ތިރިއަށްތޯވެސް އެނގޭނެ. އަދި އަހަރުން އަހަރަށް ކަރަންޓު ބޭނުންކުރެވޭ ނިސްބަތްވެސް އެނގޭނެ ސޮފްޓްވެއަރއެއް މިއީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގައި 1500 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު އަންހެނުންގެ ނިސްބަތް ހުރީ 16 އިންސައްތައިގައިކަމަށެވެ. އެހެންކަމުން މިކަން ބަދަލުކުރުމަށް، މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ކުރިއަށް އޮތްތަނުގައި ޢާއްމުކޮށް އަންހެނުން މަސައްކަތަށް ނުނިކުންނަ ދާއިރާތަކުން، ސްޓެލްކޯގެ ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް އިތުރު އެލަވަންސެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އިންޖިނިއަރިން، ޑްރައިވަރ، އިލެކްޓްރީޝަނުން، މިފަދަ ދާއިރާތަކުން އަންހެނުން ނުކުންނަށްނަމަ، ބޭސިކް މުސާރައިގެ 10 އިންސައްތަ އެލަވަންސްގެ ގޮތުގައި ދިނުމަށް ނިންމާ މިހާރުވަނީ ބޯޑަށް ފޮނުވާފައި. އަޅުގަނޑުމެންގެ ވިސްނުމަކީ މިދާއިރާއިންވެސް އަންހެނުންގެ ހިއްސާ ބޮޑުކުރުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ޚިދުމަތަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މުވައްޒަފުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނައިރު 2022 ވަނަ އަހަރު 548 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ވަނީ ދީފައެވެ. އަދި މިއަހަރުގެ ޖޫންމަހާއި ހަމައަށް 104 މުވައްޒަފަަކަށް ވަނީ މަޤާމުގެ ކުރިއެރުން ދީފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކުންފުންޏަކަށް ބަދަލުވީ ފަހުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސްޓެލްކޯއިން 26 އަހަރު ވަނީ ހޭދަކޮށްފައެވެ. ހަމައެކަނި ކަރަންޓުގެ ޚިދުމަތް ދިނުމަށް އުފެއްދި ކުންފުނިން މިހާރު ވަނީ، ފެނާއި ނަރުދަމާގެ ޚިދުމަތްވެސްދޭންވެސް ފަށާފައެވެ.