ޚަބަރު

ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ


ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވައިފިއެވެ. މިއާއިކު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މި އިޞްލާޙު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. ޖީހާން ހުށައެޅުއްވި އިޞްލާޙުގެ ބޭނުމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ. މިއިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 51 މެމްބަރުންގެ ތަނަވަސް އަޣުލަބިއްޔަތުންނެވެ.

މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިޞްލާޙްގައިވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ. ފެނުމުން މަޙްރޫމްވެފައިވާ މީހުންވެސް ވޯޓްފޮށްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހާފައި ކަމަށް އިޞްލާޙުގައި ވެއެވެ.