ދުނިޔޭގެ ވިޔަފާރި

ކުރިއަށް އޮތް 20 އަހަރު ތެރޭގައި ޖެޓް ވިއްކާ މިންވަރު އިތުރުވާނެ: ބޮއިންގ


ކުރިއަށް އޮތް 20 އަހަރު ތެރޭގައި އައު ޖެޓްލައިނަރ ވިއްކާ މިންވަރު ދެގުނަ އިތުރުވާނެ ކަމަށް މަތިންދާ ބޯޓު އުފައްދާ އެމެރިކާ ކުންފުނި ބޮއިންގއިން ލަފާކޮށްފިއެވެ.

ބޮއިންގއިން މިގޮތަށް ލަފާކޮށްފައި ވަނީ ކުދި ބޯޓުތަކަށް އޮތް ޑިމާންޑު އިތުރުވާތީ ކަމަށް ހަބަރުތައް ބުނެއެވެ. މީގެއިތުރުން ހަރަދުކުޑަކޮށް ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯ ކޯސްޓް ކެރިއަރަށް އޮތް ޑިމާންޑު އިތުރުވުމަކީވެސް ބޮއިންގއިން މިގޮތަށް ލަފާކުރި އެއް ސަބަބެވެ.

ބޮއިންގއިން ލަފާކުރާ ގޮތުގައި 2042 ވަނަ އަހަރުގެ ނިޔަލަށް އެއާރލައިންތަކަށް 42595 ޖެޓް ބޭނުންވާނެއެވެ. މިއީ ކުރިން ލަފާކޮށްފައި އޮތް 41170 ޖެޓަށްވުރެ އިތުރު އަދަދެކެވެ.

ބޮއެންގާއި ވާދަވެރި ޔޫރަޕްގެ އެއާރބަސްއިން އުފައްދާ 737 މެކްސް ނުވަތަ އޭ320 ނިއޯ މަރުކާގެ ކުދި ޖެޓުތަކަށް ލިބޭ އޯޑަރު އެހެން ބޯޓުތަކަށްވުރެ އިތުރުވާނެ ކަމަށް ބޮއިންގއިން ލަފާކުރާ ކަމަށްވެސް ހަބަރުތައް ބުނެއެވެ. އެގޮތުން 2042 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 32420 ކުދި ޖެޓް ވިއްކާނެކަމަށް ބޮއިންގއިން ވަނީ ލަފާކޮށްފައެވެ.

2042 ވަނަ އަހަރުގެ ނިޔަލަށް ވިއްކާނެ ކަމަށް ލަފާކުރާ ޖުމްލަ ބޯޓުތަކުގެ ތެރޭގައި 7440 ވައިޑްބޮޑީ ބޯޓާއި،1810 ރީޖަނަލް ޖެޓްސް އަދި 925 ފްރެއިޓާރސް ވެސް ހިމެނޭނެ ކަމަށް ބޮއިންގއިން ލަފާކުރެއެވެ. މީގެއިތުރުން ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ މަތިންތާބޯޓުގެ އަދަދު ދެގުނަ އިތުރުވާނެ ކަމަށްވެސް އެކުންފުނިން ލަފާކުރެއެވެ.