ޚަބަރު

ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ސަރަޙައްދީ ފެންވަރުގެ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި


ޔުނިސެފް ރީޖަނަލް އޮފީސް ފޮރ ސައުތު އޭޝިއާގެ އިސްނެގުމުގެ މަތިން ޔުނިސެފް މޯލްޑިވްސްއާއި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް "ރީޖަނަލް ކޮންސަލްޓޭޝަން - ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިޔަށްގެންދާ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ކޮންފަރަންސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތް ކުރާ މިނިވަން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމުކަމަށްވާ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާގެ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރަމުންދާ ކަމާގުޅުންހުރި މުހިންމު މުއައްސަސާތައްވަނީ އެއްތަނަކަށް ގެނެސްދީފައެވެ. މި ކޮންފަރެންސްގައި ރާއްޖޭން ބައިވެރިވެފައިވަނީ ކުޑަކުދިންގެ މަސްލަޙަތަށް މަސައްކަތްކުރާ ދައުލަތުގެ މުޢައްސަސާތަކުގެ އިސްވެރިންނާއި ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުޑަކުދިންނާއި ޔުނިސެފްގެ އިސްވެރިންނެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް ދެނެގަނެ، އެއް މުއައްސަސާއަކުން އަމަލުކުރަމުންދާ ގުޑް ޕްރެކްޓިސަސް އަނެއް މުއައްސަސާތަކުން ބަލައިގަތުމާއި ދަސްކުރުމާއި، އެކުގައި މަސައްކަތްކުރެވޭނެ ވެއްޓެއް ގާއިމުކުރުމުގެ ފުރުޞަތު ފަހިކުރުމެވެ.

މި ކޮންފަރެންސުގައި ކޮންމެ ޤައުމަކުންވެސް އެ ގައުމެއްގެ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ހުރި ނިޒާމުތަކާއި ތަންފީޒުކުރުމުގައި ކުރެވުނު ތަޖުރިބާތައް ހިއްސާކުރެވިގެންދާނެއެވެ.

މީގެ އިތުރުން، މި ކޮންފަރެންސް މެދުވެރިކޮށް ސަރަހައްދީ ފެންވަރުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިވެރިވާ މުއައްސަސާތަކުގެ މެދުގައި ކުރެވިދާނެ ކަންތައްތަކާއި ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދެވޭނެ ތަމްރީނުގެ ފުރުޞަތުތަކާއި، މުސްތަޤްބަލުގައި މިފަދަ މުއައްސަސާތަކާދެމެދު ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

އެގޮތުން ކޮންމެ ޤައުމަކުންވެސް އެ ގައުމެއްގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ނިޒާމުތަކާއި، ކްރޮސް ރީޖަނަލް ކޮލަބްރޭޝަންގެ ދާއިރާއިން މިހާރު ލިބެމުންދާ ކުރިއެރުންތަކާއި، މުސްތަޤްބަލުގައި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކަށް ބިނާކޮށް ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ކަރުދާސް ހުށަހަޅާނެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި އެކުދިންގެ އަގުހުރި ނަޒަރިއްޔާތާއި ޚިޔާލުތައް ހުށަހަޅައި، ކުދިންގެ ކަންކަން ނިންމުމުގައި އެ ކުދިންގެ ރައުޔު ހިމެނުމުގެ މުހިއްމުކަން ފާހަގަކޮށް، މި ކޮންފަރެންސްގައި ބައިވެރިވާ ކުދިންގެ ފަރާތުން ކަރުދާހެއް ހުށަހެޅިގެންދާނެއެވެ.

މި ކޮންފަރެންސް ނިމިގެންދާނީ ދެކުނު އޭޝިއާ ރީޖަންގެ ގައުމުތަކުގެ ކުޑަކުދިންގެ ޙައްޤަށް މަސައްކަތްކުރާ މިނިވަން މުއައްސަސާތަކަށް ޚާއްޞަކޮށްގެން "ޖޮއިންޓް އެކްޝަން ޕްލޭން"އެއް އެކުލަވާލުމަށް ފަހުއެވެ. މި ޕްލޭންގައި ސަރަޙައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ޓައިމްލައިނެއް ހިމެނިގެންދާނެއެވެ. އަދި ބައިވެރިވާ ޤައުމުތަކުން ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތަކާއި ޕްރެޒެންޓޭޝަންތައް ހިމެނޭ ރިޕޯޓެއް އެކުލަވާލެވިގެންދާނެއެވެ.