ޚަބަރު

1484 ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ސްކޫލް ކުދިންނަށް މިހާރު ހޯދޭނެ


​ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484 ގެ ޚިދުމަތް މިހާރު ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ހެލްޕްލައިނަކީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީތެރިކަމާއެކު ދަރިވަރުންނަށް ޚާއްސަކޮށްގެން ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމުކުރި ހެލްޕްލައިނެކެވެ. މި ހެލްޕްލައިން އިފްތިތާޙްކޮށްދެއްވީ މިމަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިފަދަ ހެލްޕްލައިނެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ކުއްޖަކަށްވެސް ނަފްސާނީ ދުޅަހެޔޮކަމާއި، ސައިކޯ ސޯޝަލް ސަޕޯޓް ލިބޭނެ އިންތިޒާމު ރަސްމީ ނިޒާމެއްގެ ތެރެއިން ހަމަޖެއްސުމެވެ. އަދި ސްކޫލް ކައުންސެލިންގެ ޚިދުމަތް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ސައިކޮލޮޖިކަލް ސަޕޯޓް ފޯރުކޮށްދިނުމުގައި މިހާރު ތިބި ކައުންސެލަރުން ބޭނުންކުރުމެވެ.


ހަމައެހެންމެ ކްލިނިކަލް އިންޓަވެންޝަން ބޭނުންވާ ކުދިންގެ ޢަދަދު މަދުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމާއި، އަވަހަށް އިންޓަރވެންޝަނަށް މަގުފަހިކޮށްދީ ސްކޫލް ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދަރިވަރުން ދެނެގަނެ އެޓެންޑްކުރުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ހެލްޕްލައިން ބޭނުންކުރާނީ ހަމައެކަނި ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ދިނުމަށް ކަމަށާއި މެޑިކަލް އިންޓަވެންޝަން ބޭނުންވާ އިމަޖެންސީ ޙާލަތްތަކުގައި މި ހެލްޕްލައިން ބޭނުން ނުކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 1484 ހެލްޕްލައިންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 15:00 އިން 21:00 އަށް ލިބޭނެއެވެ.

މިއީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރެވުނު މިފަދަ ފުރަތަމަ ހެލްޕްލައިނެވެ.

ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ދެެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންނެވެ. މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ޚިދުމަތް ހޯދޭނެއެވެ.