ދުނިޔޭގެ ވިޔަފާރި

ކެނެޑާއިން ޓައިވާނަށް ގެރިމަސް އެކްސްޕޯޓްކުރުމަށް ހުރި ދަތިތަކަށް ލުއިދެނީ


ޓައިވާނަށް ގެރިމަސް އެކްސްޕޯޓްކުރުމުގައި ކެނެޑާގެ ވިޔަފާރިތަކަށް ހުރި ދަތިތައް ހައްލުކުރަން ޓައިވާނުން ނިންމައިފިއެވެ.

ޓައިވާނުގެ މި ނިންމުން އައިސްފައި މިވަނީ ކެނެޑާއާއެކު ބައިލެޓްރަލް އިންވެސްޓްމަންޓް އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތަކެއް ދެ ގައުމުން ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.

މޮޔަގެރި ބަލި ފެތުރުމުގެ ބިރު އޮތުމުގެ ކަންބޮޑުވުމާއެކު ޓައިވާނުން މީގެ ދުވަސްތަކެއް ކުރިން ވަނި ކެނެޑާއާއި ބައެއް އެހެން ގައުމުތަކުން ގެރި މަސް އެތެރެކުރާއިރު އަމަލުކުރާ އުސޫލުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ކެނެޑާއިން ޓައިވާނަށް ގެރިމަސް އެތެރެކުރާއިރު، ކަތީލާފައިވާތާ 30 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ގެރި މަސް އެތެރެކުރުން ޓައިވާނުން ވަނީ މަނާކޮށްފައެވެ. އެއީ މޮޔަ ގެރި ބަލި ފެތުރިދާނެތީ އުފެދުނު ކަންބޮޑުވުންތަކެއްގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ޓައީވާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ކެނެޑާއިން އެގައުމަށް ގެރިމަސް އެތެރެކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ނަގަން ނިންމާފައިވާކަމަށެވެ.

ޓައިވާނުގެ ކެބިނެޓުން ނެރުނު ބަޔާނަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން ގެރިމަސް އެތެރެކުރުން އެއްކޮށް ހުޅުވާލި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ގެރީގެ ސިކުނޑިއާ ލޯ އަދި ބިސް އެ ގައުމަށް އެތެރެކުރުން އަދިވެސް މަނާވާނެވެ.

ޓައިވާނަކީ ގެރިމަސް ވަރަށް މަދުން އުފައްދާ ގައުމެކެވެ. މިއާއިއެކު ގެރިމަސް އެތެރެކުރުމަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ އެމެރިކާ، ނިއުޒީލޭންޑް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ މައްޗަށެވެ.

ޓައިވާނާއި ކެނެޑާއިން އަންނަނީ ފޮރިން އިންވެސްޓްމަންޓް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އެރޭންޖްމަންޓްގެ ނަމުގައި އިންވެސްޓުކުރުމަށް މަޝްވަރާތަކެއްް ކުރަމުންނެވެ.ނަމަވެސް ގެރިމަސް އެކްސްޕޯޓްކުރުމާއި ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ މަޝްވަރާތަކަށް އޮތީ ކޮންމެވެސް ވަރެއްގެ ހިޔަންޏެއް އެޅިފައެވެ. ޓައިވާނުން އެ ފިޔަވަޅުތައް އުވާލުމާއި ގުޅިގެން އެ ވިޔަފާރި އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ހަލުއިވެގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.