ގްރީސްގެ އައްސޭރިފަށަށް ބޯޓެއް ފެތި މަރުވި މީހުންގެ ޢަދަދު 79 އަށް އަރައިފިއެވެ. ގިނަ ޢަދަދެއްގެ ބަޔަކާ އެކު ދަތުރުކުރަމުން ދަނިކޮށް އެ ބޯޓު ފެތިފައި ވަނީ ގްރީސްގެ ދެކުނުގައި އޮންނަ ޕީލޯސްއާ 80 ކިލޯމީޓަރު ދުރުން އައްސޭރިފަށުގެ ސަރަޙައްދަށެވެ. މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 400 އާއި 750 ދެމެދުގެ ޢަދަދަކަށް މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ބޯޓު ފެތިފައި ވަނީ ދަންވަރުގެ ވަގުތުގައި ވަރަށް ފުން ހިސާބަކަށެވެ.
ގްރީސްގެ ކޯސްޓްގާޑުން މިހާރު ދަނީ ބޯޓު ފެތުނު ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި، މި ހާދިސާގައި ކަނޑުވެ ގެއްލުނު ކަމަށް ބެލެވޭ މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ފެތުނު ބޯޓުގައި ތިބީ ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރި ބައެކެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ މި ފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
ބޯޓު ފެތުމުގެ ކުރިން ގްރީސްގެ ކޯސްޓްގާޑުން ވަނީ އެ ބޯޓުގައި ދަތުރުކުރަމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އިޓަލީވިލާތަށް ދަތުރުކުރަން ބޭނުންވާ ކަމަށް ބުނެ، އެ މީހުން ވަނީ ގްރީސްގެ ކޯސްޓްގާޑުން އެހީތެރިކަން ހޯދަން އިންކާރުކޮށްފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ގްރީސްއިން ވަނީ ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އިޢުލާނުކޮށްފައެވެ.
މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން 104 މީހުން ސަލާމަތް ކުރެވުނު ކަމުގައި ގްރީސްގެ ކޯސްޓްގާޑުން ބުނެއެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އަދި، ފެތިފައިވާ ބޯޓުގެ އެތެރޭގައި ތާށިވި ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދުމަށް ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ. ބޯޓުގެ އެތެރޭގައި ތިބި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ބެލެވޭ ކަމުގައި ވެސް ކޯސްޓްގާޑުން ބުނެއެވެ.
އެ ބޯޓު ފުރާފައި ވަނީ ލީބިޔާގެ ތުބްރުކުންނެވެ. ބޯޓުގައި ތިބީ މިޞްރާއި، ސޫރިޔާއާއި ޕާކިސްތާނަށް ނިސްބަތްވާ ރެފިއުޖީން ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. 2015 ވަނަ އަހަރު މިލިޔަނަކަށް ވުރެ ގިނަ މީހުން ގްރީސްއަށް ހިޖުރަކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ގިނައީ ތުރުކީވިލާތުން ފުރައިގެން ދަތުރުކުރި ރެފިއުޖީންނެވެ.
މި އަހަރުގެ ފެބުރުވަރީ މަހު ވެސް ގިނަ ޢަދަދެއްގެ ރެފިއުޖީންނާ އެކު ދަތުރު ކުރަމުންދިޔަ ބޯޓެއް އިޓަލީވިލާތުގެ އައްސޭރިފަށަށް ފެތި ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ. އިޓަލީވިލާތުގެ ކަލަބްރޭޒޭގެ އައްސޭރިފަށުގައި ހިނގި އެ ހާދިސާގައި 96 މީހުން މަރުވިއެވެ. އެ ފަހަރު ބޯޓު ފެތިފައި ވަނީ ބާރުގަދަ ތޫފާނެއްގައި ޖެހިގެންނެވެ.
2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން އެތަކެއް މިލިޔަން ރެފިއުޖީން މަސައްކަތް ކޮށްފައިވާއިރު، އޭގެ ތެރެއިން 20,000 އަށްވުރެ ގިނަ މީހުން ކަނޑުވެގެން މަރުވެފައިވާ ކަމަށް އ.ދގެ ތަފާސްހިސާބުތަކުން ދައްކައެވެ. ވިލާތުގެ ޤައުމުތަކަށް މި އަހަރުގެ މިހާތަނަށް ހިޖުރަކޮށްފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 72,000 އަށްވުރެ މައްޗަށް އަރާފައެވެ.