ޚަބަރު

އީޔޫއަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމާބެހޭ މަޝްވަރާއަށް ބޮޑު ކުރިއެރުމެއް


ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން، އިޔޫ ނުވަތަ ވިލާތުގެ އިއްތިހާދަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ކަނޑާލުމާއި ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ މިއަދު ބޭއްވުނު ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނުގައެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ ރާއްޖެއިން 2022ވަނަ އަހަރު އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)އާ ގުޅުމުން އެކަމަށް މަރުހަބާ ކިޔައި އީ.ޔޫ އާއި އޯ.އޭ.ސީ.ޕީ.އެސްއާ ދެމެދު ދާދިފަހުން ސޮއިކުރެވުނު އައު އެއްބަސްވުމުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔާފައެވެ. އަދި ރާއްޖެއިން މިއެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އޯ.އޭ.ސީ.ޕީ.އެސްގެ އީސްޓާން އެންޑް ސަދާން އެފްރިކަން ގްރޫޕާއެކު އީ.ޔޫއިން ހަދާފައިވާ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގައި ރާއްޖެއިން ބައިވެރިވުމަށް މަގުފަހިވެގެންދާނެކަން ވެސް ރާއްޖެއާއި އީ.ޔޫއިން ވަނީ ފާހަގަކޮށްފައެވެ.

މިއެގްރިމަންޓުގައި ރާއްޖެއިން ބައިވެރިވުމާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތައް އިތުރު ޓެކްސްއެއް ނެގުމަކާ ނުލައި އީ.ޔޫގެ ބާޒާރަށް އެތެރެކުރެވޭނެއެވެ.

ރާއްޖެއިން މިއެގްރީމަންޓުގައި ބައިވެރިވުމާއި ގުޅޭގޮތުން ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރިއަށް އޮތް މަސްތަކުގައި ކުރެވިގެންދާނެކަމަށްވެސް ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީ.ޔޫއަށް އެތެރެކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު އަންނަނީ 24%ގެ ޓެކްސްއެއް ނަގަމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖެއަށް ވާދަވެރިކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ކުޑަވެ، ދިވެހި މަހުގެ އުފެއްދުންތަކަށް ހެޔޮ އަގެއް ލިބުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ.

އިޔޫގެ އިތުރުން ރާއްޖެއިން ދަނީ އިޔޫއިން ވަކިވެފައިވާ ޔޫރަޕްގެ ޤައުމެއްކަމަށްވާ އިނގިރޭސިވިލާތަށް އެތެރެކުރާ މަހުންވެސް ނަގާ ޑިއުޓީ ކުޑަކުރުމަށް މަޝްވަރާތަކެއް ކުރައްވަމުންނެވެ. އެގޮތުން ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ.