ޚަބަރު

ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގޭނެ ގޮތަށް ޤަވާއިދު އިސްލާހުކޮށްފި


ވައިފުޅި އަޅައިގެން، ފީނައިގެން ހުއިފިލި ލަނޑާ ނެގުން ހުއްދަވާ ގޮތަށް މަސްވެރިކަމުގެ އާންމު ޤަވާއިދަށް ފިޝަރީޒް މިނިސްޓްރީން އިސްލާހް ގެންނަވައިފިއެވެ.

ވައިފުޅި އަޅައިގެން، ފީނައިގެން ހުއިފިލި ލަނޑާ ނެގުން ހުއްދަކުރުމުގެ އިތުރުންވެސް، ފިޝަރީޒް މިނިސްޓްރީން މި ޤަވާއިދަށް ވަނީ އެހެން ބައެއް އިސްލާހުތައްވެސް ގެންނަވާފައެވެ.

ވައިފުޅި އަޅައިގެން ފީނައިގެން ހުއިފި ލަނޑާ ނެގުމަކީ މީގެ ކުރިން މަނާކަމެކެވެ. މިގޮތުން 2020 ވަނަ އެކުލަވާލި މަސްވެރިކަމުގެ އާންމު ގަވާއިދުގައި މަސްވެރިކަން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައިވެސް ވައިފުޅި އަޅައިގެން ފީނައިގެން ހުއިފި ލަނޑާ ނެގުން އޮތީ \ހިމަނާފައެވެ. އެހެންނަމަވެސް ފިޝަރީޒް މިިނިސްޓްރީން މަސްވެރިކަމުގެ އާންމު ގަވާއިދަށް އެންމެފަހުން ގެންނެވި އިސްލާހުތަކުގެ ތެރޭގައި ވައިފުޅި އަޅައި ފީނައިގެން ލަނޑާ ނެގުން، މަސްވެރިކަމުގައި މަނާ ކަންތައްތަކުގެ ލިސްޓުން ވަނީ އުނިކޮށްފައެވެ.

މި އިސްލާހުގެ ދަށުން އެކަން ހުއްދަ ކުރި ނަމަވެސް، ވައިފުޅި އަޅައިގެން މަސްވެރިކަމުގެ އެއްވެސް ކަމެއް ކުރެވޭނީ ޑައިވްކުރުމުގެ ތަމްރީނާއި ސެޓިފިކެޓު ލިބިފައިވާ މީހުންނަށެވެ. އަދި ސެޓްފިކެޓް ނެތް މީހުން ލައްވާ ފީނުވާ ނަމަ، އެ މަސްވެރިކަމުގައި ދާ ކެޔޮޅު ނުވަތަ މާސްޓަރުވެސް ކުށްވެރިވާނެއެވެ. އަދި އެފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މީގެ އިތުރަށް އިސްލާޙް ކުރި ޤަވައިދުގައި ވަނީ ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ އެމެއް ހިމެނޭ ގޮތަށް، ރަށުގެ ފަޅުތެރެއަށް ވަންނަ ހުރިހާ ބާވަތެއްގެ މަހެއް، އަމިއްލަ ބޭނުމަށް ނެގޭނީ ކައުންސިލްގެ ހުއްދަ އާއެކުކަމަށް ބަޔާންކޮށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން އެ ރަށެއްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކާއި ދައުލަތުގެ އެހެން އިދާރާއެއްގެ ދަށުގައި ހުންނަ ރަށްތަކުގެ ފަޅުން ދާ އަޅައިގެން މަސްވެރިކަން ކުރެވޭނީ އެ ރަށެއްގެ ބެލެނިވެރި ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. އަދި އެ ހުއްދައިގެ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީއަށް ދޭންވެސް ޖެހެއެވެ.

ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ އަދިވެސް މަނާ ކަމެކެވެ. ނަމަވެސް އަލަށް ގެނައި އިސްލާހުގައި ވަނީ، މަސްވެރިކަން ކުރުމުގެ ޚާއްސަ ލައިސަންސް އޮތް އުޅަނދަކުން އެންވެރިކަމުގައި ދާ ބޭނުން ކުރުން އިސްތިސްނާ ކޮށްފައެވެ. މީގެ ކުރިން މަސްވެރިކަމުގެ ޤަވައިދު ބުނާގޮތުން މަސްވެރިކަމުގައި ބޭނުންކުރާ ދާ 100 ފޫޓަށް ވުރެ ދިގުވެގެން ނުވާނެއެވެ. ނަމަވެސް އާ އިސްލާހުގައިވާ ގޮތުން 300 ފޫޓަށް ވުރެ ދިގު ނުވާ ދަލެއް ބޭނުން ކުރެވިދާނެއެވެ.