ޚަބަރު

އޮސްޓްރޭލިޔާގައި ބަހެއް ފުރޮޅާލައި 10 މީހުން މަރުވެއްޖެ


އޮސްޓްރޭލިޔާގެ ނިއު ސައުތް ވެލްސްގެ ހަންޓަރ ވެލީގައި ބާރު ދުވެލީގައި ދުއްވާފައި ދިޔަ ބަހެއް ކޮންޓްރޯލް ނުވެ ފުރޮޅައިލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހުން މަރުވެއްޖެއެވެ. ބަހުގައި ދަތުރުކޮށްފައި ވަނީ ކައިވެނީގެ ހަފުލާއެއްގައި ބައިވެރިވުމަށް ފަހު އެނބުރި އަމިއްލަ ވަޒަނަށް ދިޔުމަށް ދަތުރުކުރި ބަޔެކެވެ.

ބަހުގައި ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 10 މީހުން މި ހާދިސާގައި މަރުވެފައިވާއިރު، އިތުރު 25 މީހަކު ވަނީ ޒަޚަމުވެފައެވެ. އެ މީހުންނަށް މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމުގައި ނިއު ސައުތް ވެލްސްގެ އޮފިޝަލުން ވިދާޅުވެއެވެ.

މި ހާދިސާ ތަހުޤީޤު ކުރަމުންދާ ފުލުހުން ބުނީ ބަސް ފުރޮޅައިލާފައި ވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރު ދުވެލީގައި ދުއްވުމުގެ ސަބަބުން ކަމުގައެވެ. އަދި، ބަސް ދުއްވަން އިން 58 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާއާ ދެކޮޅަށް ދަޢުވާ އުފުލުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

ފުރޮޅައިލި ބަހުގައި ކައިވެނި ކުރި ދެމަފިރިން ނެތް ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި ހާދިސާގައި މަރުވި މީހުން ދެނެގަތުމަށް އޮފިޝަލުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ތަހުޤީޤު އަދިވެސް ކުރިއަށްދާ ކަމުގައި ޕޮލިސް ކޮމިޝަނަރު ކެރެން ވެބް ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބެނީޒް ވަނީ މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން އެ ކަމުގެ ހިތާމައިގައި ބައިވެރިވާ ކަމުގައި ވިދާޅުވެފައެވެ. އަދި، މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. މި ހާދިސާގައި ޒަޚަމުވި ބައެއް މީހުންނަށް ޖޯން ހަންޓަރ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، އިތުރު ފަރުވާ ބޭނުންވާ މީހުން ސިޑްނީގެ ހޮސްޕިޓަލަކަށް ވައިގެ މަގުން ބަދަލުކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.