ރައްޔިތުންގެ މަޖިލީހުގެ އަޤްލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.
އަސްލަމް ހުށަހެޅުއްވީ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ޖުމްލަ 5 އިސްލާހެކެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ ބޭފުޅަކު ކަނޑައެޅުމުގެ ބާރު މަޖިލީހުގެ އަމީން އާންމަށް ދިނުން ހިމެނެއެވެ. އަދި އެފަދަ ހާލަތެއްގައި ރިޔާސަތު ހަވާލުކުރާނެ ބޭފުޅަކު ކަނޑައެޅުމުގައި އަމީން އާއްމު ރިއާޔަތްކުރަން ޖެހޭނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިންކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅާ މައްސަލައެއްގެ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަވާނެ ވަގުތުގެ ދިގުމިން ކަނޑައެޅުމުގެ ބާރު އަމީންއާއްމުއަށް ދެއްވުމަށާއި އަދި ދިފާއުގައި ވާހަކަ ދައްކަވަން މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާނީ 30 މިނެޓުކަމަށް ޤަވާއިދުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ. މިއީ މީގެކުރިން މަޖިލީހުގެ އާއްމު ކޮމިޓީއަށް އޮންނަ ބާރެކެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އާއްމު ޖަލްސާތައް ކުރިއަށްދާއިރު މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރެއް ރައީސް ކަނޑައަޅަންޖެހޭނެ ކަމަށް ޤަވާއިދުގައި ހިމެނުން ހިމެނެއެވެ. އެގޮތަށް ކަނޑައަޅަންޖެހެނީ އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއްކަމަށާއި އެއިން މެމްބަރަކަށް ވިދިވިދިގެން ބެލެހެއްޓޭނީ ތިން ޖަލްސާގެ ރިޔާސަތުކަމަށްވެސް އަސްލަމް ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މި އިސްލާހުތައް ހުށަހަޅުއްވާފައި ވަނީ އިސްލާހުތައް ފާސްކުރާ ތާރީހުން ފެށިގެން އެއަށް އަމަލުކުރަން ޖެހޭނެ ގޮތަށެވެ. އަދި މި އިސްލާހުތައް ފާސްކުރުމުގެ ކުރިން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް އަލުން ހުށަހެޅުމަކާއި ނުލައި ކުރިއަށް ގެންދެވޭނެކަމަށްވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅި އިސްލާހުތަކުގައިވެއެވެ.
މަޖިލީހުގެ ޤަވާއިދަށް އިސްލާހުތަކެއް ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ޤަވާއިދަށް އިސްލާހުތަކެއް ހުށަހެޅުމަކީ މުހިއްމުކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.