ޚަބަރު

ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި އެހީވުމަށް 5 އިދާރާއަކާއިއެކު ސޮއިކުރައްވައިފި


ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި، ގުޅިގެން އިންތިޚާބުގެ މަސައްކަތްތަކާއި ގުޅުންހުރި ފަސް އިދާރާއަކާއެކު އިލެކްޝަންސް ކޮމިޝަނުން ސޮއިކުރައްވައިފިއެވެ.

އިންތިޚާބުގެ މައި މަރުކަޒު ދަރުބާރުގޭގައި މިކަމަށްޓަކައި އޮތް ޚާއްސަ ރަސްމިއްޔާތުގައި އިލެކްޝަނަށް އެހީތެރިވުމަށް ސޮއިކުރެއްވި ފަސް އިދާރާއަކީ ފުލުހުންނާއި، ސިވިލްސާވިސް ކޮމިޝަނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި، ޕޯސްޓް އޮފީހެވެ.

އެއްބަސްވުންތަކުގައި އެއިދާރާތަކުގެ އިސްވެރިން ސޮއިކުރެއްވިއިރު، އިލެކްޝަނަސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ވަނީ މި ފަސް އިދާރާއިން ފޯރުކޮށްދޭނެ އެހީތެރިކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ފަރާތުން އިންތިޚާބުގެ ސެކިއުރިޓީ ކަންކަމަށް އެއްބާރުލުން ދެއްވާނެއެވެ.

އިންތިޚާބަށް ބޭނުންވާ ސިވިލްސާވިސް މުވައްޒަފުންގެ އެހީތެރިކަން ސީއެސްސީން ލިބޭއިރު، ކައުންސިލްތަކުގެ އެހީތެރިކަން އެލްޖީއޭ މެދުވެރިކޮށް ލިބޭނެކަމަށް ފުއާދު ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓާސް ލިސްޓް އެކުލަވާލުމުގައި ޑީއެންއާރުގެ އެހީތެރިކަން ލިބޭއިރު، ވޯޓު ފޮށިތައް ޕޯސްޓް އޮފީސް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 282،672 މީހަކަށް ލިބިފައިވެއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ.