ޚަބަރު

އިންޓަރ ސްކޫލް ލަވަ މުބާރާތުގެ ފަރިތަކުރުންތައް ފޯރީގައި ކުރިއަށް


ލަވަ ކިޔުމާއި މިއުޒިކްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމުގައި ކުރިއަށްދާނެ މަގު ކޮށައިދީ، އެ ފުރުޞަތު ތަނަވަސްކޮށްދިން އެންމެފަހި ޕްލެޓްފޯމަކީ 1988 ވަނަ އަހަރު ފެށުނު ސްކޫލް ކުދިންގެ ލަވަ މުބާރާތެވެ. މިއީ ރާއްޖޭގެ ވަކިން ޚާއްސަކޮށް ސްކޫލްތަކުގެ މެދުގައި އެއް ޒަމާނެއްގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތްވެސްމެއެވެ. މި މުބާރާތުން ލަވަޔައާއި މިއުޒިކްގެ ފަންނަށް އަލިގަދަ އެތައް ތަރިންނެއް ވަނީ ނެރެދީފައެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް އަލުން އެނބުރި އައުން މިއީ ހަމަ ގައިމުވެސް މި ފަންނުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ލިބިގެންދާ ރަނުގެ ފުރުޞަތަކެވެ. 8 އަހަރަށްފަހު، އަނެއްކާވެސް އިންޓަރ ސްކޫލް ލަވަ މުބާރާތް ގެނެސްދިނުމަށްޓަކާ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، މުބާރާތައް ފަރިތަކުރުމުގެ ކަންކަން މިހާރުވެސް ދަނީ ފޯރީގައި ކުރަމުންނެވެ.

މިފަހަރުގެ މުބާރާތް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޓީވީއެމްގެ މަލްޓި-ޕަރޕަސް ސްޓޫޑިއޯގައިކަމުން، މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ޓީވީއެމްއަށް އައިސް، ރިހާސަލްތައް ކުރުމުގެ ފުރުޞަތު ދަނީ ދެމުންނެވެ.

މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 20 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11 އަށް ޕީ.އެސް.އެމްގެ "ޔެސް ޓީވީ" މެދުވެރިކޮށެވެ. މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގެ ފަނޑިޔާރުންގެ ގޮތުގައި 7 ބޭފުޅުންގެ ޕެނަލެއް ވަނީ ކަނޑައަޅާފައެވެ. މި ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި، މިއުޒީޝަނުން ހިމެނިފައިވެއެވެ. މީގެ ތެރޭގައި މީގެކުރިންވެސް ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ދިވެހި ބަހާއި އަދަބިއްޔާތު ވަކިން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ.

"އިންޓަރ ސްކޫލް ލަވަ މުބާރާތަކީ" ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. 1988 ވަނަ އަހަރު ފެށި މި މުބާރާތަކީ ލަވަކިޔުމުގެ ހުނަރު އާލާކުރުމާއެކު، މި ފަންނުގައި ހަރަކާތްތެރިވާނެ ކުދިން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.

މިއަހަރުގެ މުބާރާތް މި ގެނެސްދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޕަބްލިކް ސަރވިސް މީޑިއާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެންނެވެ.