ތަޢުލީމު

ދިވެހިންނަށް ޗައިނާގައިހުރި ފުރުޞަތުތަކާބެހޭގޮތުން މަޝްވަރާކޮށްފި


ޗައިނާގައި ދިވެހި ދަރިވަރުންނަށް ލިބެންހުރި ސްކޮލަރޝިޕް ފުރުސަތުތަކާއިބެހޭގޮތުން، ޗައިނާ ސްކޮލަރޝިޕް ކައުންސިލާއިއެކު ރާއްޖެއިން މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖެއިން މިކަމާއިބެހޭގޮތުން މަޝްވަރާ ކުރެއްވީ، ރާއްޖެއިން ޗައިނާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު މުހަންމަދު ފައިސަލް ޗައިނާ ސްކޮލަރޝިޕް ކައުންސިލަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

މިޒިޔާރަތުގައި ސަފީރު ފައިސަލް ވަނީ ޗައިނާ ސްކޮލަރޝިޕް ކައުންސިލް ގެ ރައިސްސް ލިއު ޖިންގ ހުއީ އާބައްދަލް ކުރައްވާ، ޗައިނާއިން ރާއްޖޭގެ ދަރިވަރުންނަށް ދެއްވަމުންގެންދަވާ މަތީ ތައުލީމްގެ ފުރުސަތު ތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިޔަށް އޮތްތާގައިވެސް މިފަދަ އިތުރު ފުރުސަތުތައް ލިބިގެން ދިއުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުންތައް ވަރަށް ބޮޑަށް ބަދަހި ވަމުންދާކަން ފާހަގަ ކުރައްވަމުން ސަފީރު ފައިސަލް ވަނީ މިއީ މަތީ ތަޢުލީމްގެ ދާއިރާއިންވެސް ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރު ކުރުމުގެ ވަގުތުކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުންދޭ ސްކޮލަރޝިޕްތަކާ މަތީތަޢުލީމާ ތަމްރީންގެ ފުރުޞަތުތަކުގެ ތަފްސީލް ފުރިހަމައަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ ޔުނިވަރސިޓީތަކާއި މަތީތަޢުލީމާއިބެހޭ ސެކްޓަރުން ކަޑައެޅޭ ބަޔަކަށް ޗައިނާއަށް ސްޓަޑީ ޓުއަރއެއް އިންތިޒާމް ކޮށްދެއްވުމަށް ރާއްޖޭގެ ސަފީރު އެދިވަޑައިގެންފައިވެއެވެ. އަދި ސަފީރުގެ ހުށައެޅުއްވުމަށް ޗައިނާ ސްކޮލަރޝިޕް ކައުންސިލް ގެ ފަރާތުން މަރުހަބާ ވިދާޅުވެފައިވެއެވެ.