ޚަބަރު

ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓު ޢާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި


ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ހިމެނޭ ވޯޓާސް ލިސްޓް ގެޒެޓްކޮށް، ޝަކުވާއަށް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓު މޭމަހުގެ 2 ވަނަ ދުވަހު ޢާންމުކުރިއިރު، ވޯޓުލުމުގެ ހައްގު 282755 މީހުންނަށް ލިބިފައިވެއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 197 ޝަކުވާއެއް ވަނީ ހުށަހަޅާފައިކަމަށާއި އޭގެ ތެރެއިން އެކި ސަބަބުތަކާއިހުރެ 69 ޝަކުވާއެއް ބަލައި ނުގަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓާސް ލިސްޓަށް އައިސްފައިވާ ބަދަލު:

- އަލަށް ނަން އިތުރުކުރެވުނު 1
- އެޑްރެހަށް ބަދަލު ގެނެވުނު 42
- ނަން ބަދަލު ކުރެވުނު 1
- ލިސްޓުން ނަން އުނިކުރެވުނު 84
- އެކި ސަބަބުތަކާއިހުރެ ބަލައި ނުގަނެވާ ޝަކުވާތައް 69

ކޮމިޝަނުން ޢާންމުކުރި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓާސް ލިސްޓުގެ ޝަކުވާތަކަށް ހުޅުވާލި ލިސްޓުން އުނިކުރި ނަންތަކާއިއެކު މިހާރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،672 މީހަކަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާއިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކޮށްފައެވެ.
ރީ-ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާހަމައަށް ހުޅުވާލުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.

ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުންވެސް ކުރެއްވުން ވަރަށް މުހިންމުކަމެެކެވެ. ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅުއްވައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެންވެސް ޗެކް ކޮށްލެއްވޭނެއެވެ. މި ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެއްލެވޭނެއެވެ. ލިސްޓުގައި ނަން އޮތްތޯ ބަލަން އެސްއެމް ފޮނުވާނީ VR (space) ID number ޖެއްސެވުމަށްފަހު 1414 އަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައި ވަނީ ދަރުބާރުގެއެވެ.