ޚަބަރު

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ނަޝީދު އަންގަވައިފި


ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އަމީން އާންމަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހުގެ އިދާރާއަށްވަނީ ހުށަހަޅުއްވާފައެވެ. މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މިއަދަށްވަނީ ހަމަވެފައެވެ. ނަމަވެސް މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވެއެވެ. އެހެންކަމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭއިރު މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސަށެވެ.

ކަން މިހެން އޮތް އިރު މަޖިލީހުގެ އަމީން އާންމަށް އެޑްރެސް ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅުގައިވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ގިނަ މެމްބަރުންތަކެއް ސޮއިކުރައްވާ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާފައިވާތީ އެމައްސަލައަށް ވަކިގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކިގޮތެއް ނިންމުމާ ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ މިންވަރަށް މަޖިލީހުގެ އެންމެހާ ކަންކަން ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށް މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު އަމީން އާންމުގެ މަސްއޫލިއްޔަތުތަކަށާއި ވާޖިބުތަކަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް" ކަމަށާއި "މަޖިލީހުގެ ރައީސް ހާޒިރު ނުވާ ނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް" ކަމަށާއި "ރައީސް އާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" ކަމަށެވެ.