ޚަބަރު

ރިޔާސީ އިންތިޚާބުގައި އޮންލައިންކޮށް ރީރަޖިސްޓްރީ ކުރެވޭނެ، ޖުލައި 16ގައި ހުޅުވާލަނީ


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާއިދު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އަލަށް އެކުލަވާލައި އާއްމުކުރެއްވި ޤަވާއިދުގައި މައިގަނޑު 3 ބަދަލެއް ގެންނަވާފައިވާކަމަށެވެ. އެގޮތުން ރީ-ރަޖިސްޓްރޭޝަން ފޯމުގެ އިތުރުން، އޮންލައިންކޮށްވެސް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިނުމާއި ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރެއްވުމަށްވަނީ ނިންމަވާފައެވެ. އެގޮތުން އޮންލައިންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދެއްވުމާއި ފޯކަލް ޕޮއިންޓްތަކަށްވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދެއްވުމަށްވަނީ ނިންމަވާފައެވެ. ކުރިން ފޯކަލް ޕޮއިންޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހަމަޖެހިފައި ނުވެއެވެ.

""މިހާރު ބާއްވަމުން އަންނަ ބައި-އިލެކްޝަންތަކުގައި ވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރީޝަނަށް ހުށަހެޅޭނެ. އޭރަށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް އަޅުގަނޑުމެން ގާއިމްކުރާ އޮންލައިން ޕޯޓަލް ނުވަތަ ނިޒާމެއްގެ ތެރެއިން ފަސޭހަކަމާ އެކު ރީ-ރަޖިސްޓްރީކޮށްލެވޭނެ" އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވިއެވެ.

މިދިޔަ މެއި މަހު އިލެކްޝަސް ކޮމިޝަނުން ވަނީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކުރައްވާފައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ހަބީބު ވިދާޅުވީ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު މިއަދު 1 ޖަހާއިރު އާއްމުކުރައްވާނެކަމަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން، ގާނޫނުގައި ބުނާ 10 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށާއި ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 22އާ ހަމައަށް ހުޅުވާލައްވާފައި އޮންނާނެކަމަށެވެ. އަދި ރީ ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާހަމައަށް ހުޅުވާލައްވާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށްވެސް ވަނީ ނިންމަވާފައެވެ.