އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް އަންނަ އޮކްޓޫބަރުމަހު ރާއްޖެއަށް ފެށުމަށް ތާވަލުކޮށްފިއެވެ. 
އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހު ވަރޖިންގެ އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައި، މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ. 
އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި ވެލާނާއާ އެއަރޕޯޓް ދެމެދު ބާއްވާ މި ދަތުރުތައް ހަފްތާއަކު 3 ދުވަހު އޮންނާނެއެވެ. 
ޔޫރަޕްގެ ފިނި މޫސުމާއި ދިމާކޮށް، ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަަށް ފެށުމަށް ތާވަލުކޮށްފައިވާއިރު، އެއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްވަރެވެ. އަދި އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް ޤައުމުވެސްމެއެވެ. އެގޮތުން މިިދިޔަ އަހަރުވެސް ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10 އިންސައްތައެވެ. 
ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަަށަން ތައްޔާރުވަމުންދާއިރު، މިހާރު ރާއްޖެއަށް 36 އެއަރލައިނަކުން ދަނީ ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަމުންނެވެ.