ޚަބަރު

އިޞްލާޙީ އެޖެންޑާ އިސްނުކޮށްފިނަމަ މެލޭޝިޔާގެ ކުރިމަގު ބަނަވާނެ: އަންވަރު


މެލޭޝިޔާގެ ކުރިމަގު ރައްކާތެރިކޮށް ދެމެހެއްޓޭނީ އިސްލާޙީ އެޖެންޑާއަށް އިސްކަންދީގެން ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އުމުރުފުޅުން 75 އަހަރުގެ އަންވަރު މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2022 ނޮވެންބަރުގައި ބޭއްވި ޢާންމު އިންތިޚާބަށް ފަހުއެވެ.

މެލޭޝިޔާގެ މި ވަގުތުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ ބަދަލުތަކަކާއި އިޞްލާޙުތަކަށް ޤައުމު ބޭނުންވެފައިވާ ކަމުގައެވެ. އަދި، އަވަސް މުސްތަގުބަލެއްގައި އިޞްލާޙުތަކެއް ނުގެނެސްފި ނަމަ، މެލޭޝިޔާގެ ކުރިމަގު ވަރަށް ބަނަވާނެ ކަމަށާއި، ޤައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމުގައެވެ.

"ސަރުކާރު ހިންގުމުގެ ދާއިރާއަށް ބަލައިލާއިރު، މިހާރު މިއޮތް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެ. އެ ކަން އިޞްލާޙު ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. މެލޭޝިޔާގެ ކުރިމަގު ރައްކާތެރި ކުރެވޭނީ، އިޞްލާޙުތަކެއް ގެނައުމުގެ އަޒުމާއި ހިތްވަރު ހުރެގެން،" އަންވަރު ވިދާޅުވިއެވެ. މެލޭޝިޔާގެ ވެރިކަންކުރާ ނިޒާމަކީ މެލޭ ދަރިކޮޅުގެ ނަސްލަށް އިސްކަންދޭ ނިޒާމެކެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި އަންވަރު އެންމެ ފުރަތަމަ ގުޅިވަޑައިގަނެފައި ވަނީ އެއިރު ވެރިކަން ކުރަމުންދިޔަ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (ޔޫ.އެމް.އެން.އޯ) ޕާޓީއާއެވެ. އަދި، 1991 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު މަހާތީރް މުޙައްމަދުގެ ވެރިކަމުގައި އޭނާ ވަނީ ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް ޢައްޔަންކުރައްވާފައެވެ.

ނަމަވެސް، ކޮރަޕްޝަނާއި ޖިންސީ ކުށްތަކެއްގެ ދަޢުވާ އުފުލާ 1998 ވަނަ އަހަރު އޭނާ ވަނީ ޖަލަށްލާފައެވެ. އަންވަރު ޖަލުން ސަލާމަތްވެ ވަޑައިގަތީ 2004 ވަނަ އަހަރު، އޭނާއާ ދެކޮޅަށް އިއްވާފައިވާ ހުކުމް ބާޠިލުކުރުމުންނެވެ. އެއަށް ފަހު އޭނާ ވަނީ ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީ.ކޭ.އާރް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، އިސްލާޙީ މަސައްކަތްތައް ފައްޓަވާފައެވެ. 2008 ވަނަ އަހަރުން ފެށިގެން ގިނަ އަހަރުތަކެއް ވަންދެން މެލޭޝިޔާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތީ ޕީ.ކޭ.އާރެވެ.

މެލޭޝިޔާއަކީ ގިނަ ނަސްލުތަކެއްގެ މައްޗަށް އެކުލެވިގެންވާ އާބާދީއެއް އޮތް ޤައުމެއް ނަމަވެސް، އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ މެލޭ ދަރިކޮޅުގެ މީހުންނެވެ. އެ ޤައުމުގެ އާބާދީ ދެން ބެހިފައި އޮތީ ޗައިނާއާއި އިންޑިޔާ ދަރިކޮޅާ ދެމެދުގައެވެ. 1970ގެ އަހަރުތަކުން ފެށިގެން އެ ޤައުމުގެ ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައި އޮތީ މެލޭ ދަރިކޮޅުގެ މީހުން އިސްކުރެވޭ ގޮތަށެވެ. އެ މީހުންނަށް ގިނަ ފުރުޞަތުތައް ފަހިވާ ގޮތަށެވެ. ވަޒީފާގެ ފުރުޞަތުތަކާއި، ތަޢުލީމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މެލޭޝިޔާގައި މިއަދުވެސް އިސްކަންދެނީ އެ ދަރިކޮޅަށެވެ.

މި ފަދަ ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން އެ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި އަންވަރު ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ނަސްލަށް އިސްކަންދޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ކަމުގައެވެ. އަދި، ޤައުމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އިސްކަންދޭ ނިޒާމެއް ގާއިމުކުރަން ކަމުގައެވެ. މި ފަދަ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ މެލޭ ދަރިކޮޅުގެ މީހުންނަށް ވެސް އިތުރު ކުރިއެރުމާއި ބާއްޖަވެރިކަން ލިބޭނެ ކަމަށް އޭނާ ގަބޫލުފުޅު ކުރައްވައެވެ.

ނަމަވެސް، އަންވަރު އިޞްލާޙީ އެޖެންޑާ ކުރިއަރުވައި ކާމިޔާބު ހޯދޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެއް ސަބަބަކީ، 2022 ނޮވެންބަރުގައި ބޭއްވި ޢާންމު އިންތިޚާބުގައި އޭނާގެ އެލަޔަންސް އޮފް ހޯޕް ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ނުލިބުމެވެ. އަންވަރުގެ ސަރުކާރު އެކުލަވައިލައްވާފައި ވަނީ ކުދި ޕާޓީތަކާ އެކު ކޯލިޝަނެއް ހައްދަވައިގެންނެވެ. އޭގެ ތެރޭގައި ކުރީގައި ވެރިކަން ކުރި ނޭޝަނަލް ފްރޮންޓް ހިމެނެއެވެ. އެ ޕާޓީއަކީ ޔޫ.އެން.އެމް.އޯގެ ދަށުން އުފައްދާފައިވާ ޕާޓީއެކެވެ.

މެލޭ ދަރިކޮޅުގެ ނަސްލު އިސްކުރުމުގެ ސިޔާސަތު އެކުލަވައިލުމުގެ ފަހަތުގައި އޮތީ ނޭޝަނަލް ފްރޮންޓެވެ. އަދި، ޔޫ.އެން.އެމް.އޯއަކީ ވެސް މެލޭ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރަން ވަކާލާތުކުރާ ޕާޓީއެކެވެ. ސިޔާސަތުގެ ގޮތުން މި ފަދަ ތަފާތުތަކެއް ހުރި ނަމަވެސް، އިޞްލާޙީ އެޖެންޑާ ކުރިއަރުވައި ކާމިޔާބު ކުރެވޭނެ ކަމަށް އަންވަރު ދެކެވަޑައިގަންނަވައެވެ.