ޚަބަރު

ދުނިޔޭގެ ކާބޯތަކެތި ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ޚާއްސަ މައުރަޒެއް


ދުނިޔޭގެ ކާބޯތަކެތި ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ މައުރަޒެއް ބާއްވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތި ރައްކާތެރި ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮބައިކަން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ބާއްވާފައެވެ. މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވި މައުރަޒުގައި ސްކޫލްކުދިން ކުރަހާފައިވާ ކުރެހުންތައް ޢާއްމުންނަށްވަނީ ދައްކާލާފައެވެ. އަދި އެންމެ މޮޅު ކުރެހުންތައްވެސްވަނީ ހޮވާފައެވެ.

މިޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހެލްތްގެ ޕާމަނަންޓް ސެކެޓްރީ އަލްފާޟިލާ އައިޝަތު ސާމިޔާ ވިދާޅުވީ ސްކޫލް ތަކުން ހުށަހަޅާދީފައިވާ 100 އަށްވުރެ ގިނަ ކުރެހުން ތަކުން އެނގިގެން ދިޔައީ އެ ދަރިވަރުންނާއި ދަރިވަރުންގެ އާއިލާ ތަކަށް ރައްކާތެރި ކާބޯތަކެއްޗަކީ ކޮބައިކަމާއި ކާބޯތަކެތި ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތާއިބެހޭ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

މި މައުރަޒުގައި ރައްކާތެރި ކާބޯތަކެއްޗާއިބެހޭ މަޢުލޫމާތު ސެޝަންތަކެއްވެސް ކުރިއަށްވަނީ ގެންގޮސްފައެވެ. އަދި ކުދިންގެ ޢުމުރުފުރައާއި ގުޅޭގޮތުން ރައްކާތެރި ކާބޯތަކެއްޗާއިބެހޭ މަޢުލޫމާތު ދިނުމައި އެހެނިހެން ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުނިޔޭގެ ކާބޯތަކެތި ރައްކާތެރިކަމުގެ ދުވަހަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ. ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ފާހަގަކުރާ މިދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެކި ޙަރަކާތްތައްވަނީ ކުރިއަށްގެންގޮސްފައެވެ.