ޚަބަރު

ޖޭޕީގެ ރިޔާސީ ޓިކެޓް ޤާސިމަށް އަރުވާ، ކެމްޕޭން ރަސްމީކޮށް ފަށައިފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަދާކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް އަރުވައިފިއެވެ.

ޤާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އެކަމަށްޓަކާ އަލިމަސް ކާނިވާ ސަރަޙައްދުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު ޕާޓީގެ ލީޑަރަށް އަރުވާފައި މިވަނީ ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ވާދަކުރައްވާފައި ނުވާތީއެވެ.

މި ޖަލްސާގައި ޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމަށް އެރުވުމަށްފަހު، ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ ރިޔާސީ ކެމްޕޭންވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. އެގޮތުން ކެމްޕޭންގެ ސްލޯގަން ކަމުގައިވާ "ހާސްކަނޑާލާ، ހަމަޖެހޭނެ" އާއި ކެމްޕޭންގެ ރަސްމީ ލަވަ މި ޖަލްސާގައި ވަނީ އިފްތިތާޙްކޮށްފައެވެ.

ރިޔާސީ ޓިކެޓާއި ޙަވާލުވެވަޑައިގަތުމަށްފަހު ޕާޓީގެ މެންބަރުންނާއި މުޚާތަބުކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމަނިކުފާނު އިސްކަންދެއްވާނެ ކަންތައްތަކާއި، ގެންގުޅުއްވާނެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

ޤާސިމް އިސްވެ ހުންނަވާ ޖޭޕީން ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.