އަތޮޅުތަކާއި ގުޅުންހުރި ފަސްބިލިއަން ރުފިޔާގެ މަޝްރޫޢު ހައުސިންގ މިނިސްޓްރީގެ ތެރެއިން މިހާރު ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ މަރަދޫފޭދޫ ބަނދަރު ފުންކުރުމާއި ތޮށިގަނޑު މަރާމާތުކުރުމުގެ މަޝްރޫޢު މިއަހަރު ކުރިއަށްދޭތޯ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ގޮތުގައި އަތޮޅުތަކަށް ނުވަ ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވެއެވެ. މިނިސްޓަރ ޑރ.މުޢިއްޒު ވިދާޅުވީ، އަތޮޅުތަކުގައި 53 ބަނދަރެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު 28 ބަނދަރުގެ މަސައްކަތް މިއަހަރު ނިންމާލެވޭނެކަމަށެވެ. އަދި ބާކީ ހުރި ބަނދަރުތައް އަންނަ އަހަރު ނިންމާލެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ ބަނދަރުތަކުގެ ޖުމަލް އަގު 1.8 ބިލިއަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
ބިންހިއްކާ ތޮށިލުމުގެ 11 މަޝްރޫޢުއެއް މިހާރު ކުރިއަށްދާއިރު، އެމަޝްރޫޢުތަކަށް 1.14 ބިލިއަން ރުފިޔާ ޚަރަދުވާކަމަށް ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ 20 މަޝްރޫޢުއެއް ކުރިއަށްދާއިރު އެ މަޝްރޫޢުތަކުގެ އަގު 1.15 ބިލިއަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރއިން ތ.ވިލުފުށީ މަގު މިމަހު ނިންމާ ބޭނުންކުރަން ފެށޭނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ ހުރިހާ ރަށެއްގެ ތަރައްޤީއަށްވެސް ރައީސް ޔާމީން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
އައްޑޫ މަރަދޫފޭދޫ ބަނދަރުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެ ބަނދަރުގެ މަސައްކަތް ފެށޭނެކަމަށާއި، އެމަޝްރޫޢަށް 21 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. އައްޑޫ މަރަދޫފޭދޫ ބަނދަރު ހެދުމަށް މިދިޔަ އަހަރު ބަޖެޓުކޮށްފައިވަނީ 5.5 މިލިއަން ރުފިޔާއެވެ. މިނިސްޓަރ ވިދާޅުވީ އެއީ އެންމެ އެކަށީގެންވާ ޢަދަދު ނޫންކަމަށާއި، މިއަހަރު ސަޕްލިމަންޓްރީ ބަޖެޓުގައި އެމަޝްރޫޢު ހިމަނާއިގެން ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެބަނދަރު އޮތް ހާލަތަށް ބަލާއިރު މަރާމާތަށް ވުރެ ބޮޑަށް އެރަށަށް ބޭނުންވަނީ ފެންވަރު ރަނގަޅު ބޮޑު ބަނދަރެއްކަމަށެވެ. އެހެންކަމުން މިއަހަރުގެ މެދުތެރޭގައި ބަނދަރުގެ މަސައްކަތް ފެށުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާ މަޝްރޫޢުތައްވެސް މިއަހަރުގެ މެދުތެރޭގައި ހުށައަޅުއްވާ ސަޕްލިމަންޓްރީ ބަޖެޓުގައި ހިމެނެން އޮތް މިންވަރަކުން ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިންމުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާކަން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.