ޚަބަރު

ސޭޝެލްސްގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ


ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅު އޮންނާނީ މިމަހުގެ 11 އިން 14 އަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސޭޝެލްސް ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ސޭޝެލްސްގެ ސަރުކާރުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދޭއިރު، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސޭޝެލްސް ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެކަމަށް އެމް.ސީ.އެލްއާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވިދާޅުވެއެވެ.

އެގޮތުން އަންނަ އާދިއްތަ އިން ބުދަ ދުވަހަށް ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް، ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެއެވެ.

ހަމައެހެންމެ މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2 އިން ހަވީރު 4 އަދި 14 ވަނަ ދުވަހުގެ ހަވީރު 5 އިން 6 އަކަށް ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް ހިމެނޭ ސަރަޙައްދުން ފެށިގެން ޑޮމެސްޓިކް ޓަރމިނަލް ހިމެނޭ ސަރަޙައްދުގެ މަގު ބަންދުކުރެވޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.