ޚަބަރު

ހުޅުމީދޫ ސިއްޙީ މަރުކަޒުން ހޮސްޕިޓަލަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް


ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަތޮޅުގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކަކީ ގުޅިފައިވާ ރަށްތަކެކެވެ. އެގޮތުން ގަމުން ފެށިގެން ހިތަދޫއާ ދެމެދުގައިވާ ހުރިހާ ރަށްތަކަކަށް ފަސޭހަކަމާއެކު އެއްގަމު މަގުން ދަތުރުކޮށް އެކި ޚިދުމަތްތައް ލިބެއެވެ. މިރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫއަކީވެސް ބޮޑު އާބާދީއެއް ދިރިއުޅޭ އެއްފަސް ރަށެކެވެ.

އައްޑޫ ސިޓީގައި ފެންވަރު ރަނގަޅު ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކޮށް ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް ހުޅުމީދޫގެ ރައްޔިތުންނަށް އަސާސީ ސިއްޙީ ފަރުވާތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އެއްވެސް މިންވަރެއްގެ ތަފާތުކުރުމެއް ނުގެންގުޅެއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒަކީ މީގެ 32 އަހަރު ކުރިން ފެށިގެން ޚިދުމަތް ދެމުން އަންނަ ތަނެކެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދިގު މާޒީގައި މި ސިއްހީ މަރުކަޒުން ދެމުން އައީ ވަރަށްވެސް އާދައިގެ ޚިދުމަތްތަކެކެވެ. ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހުޅުމީދޫގެ ރައްޔިތުން މީގެ ކުރިން ސިއްހީ ފަރުވާ ލިބިގަތުމަށް ފަތާފައި ހިތަދޫއަށް ދިޔުން އޮތީ މަޖުބޫރުވެފައެވެ. ފަރުވާގެ ގޮތުން ކޮންމެ ދުވަހަކު ހިތަދޫއަށް ދަތުރުކުރަން ޖެހޭ މީހުންވެސް ތިއްބެވެ. އާދައިގެ ޓެސްޓެއް ހަދަންވެސް ދަތުރުފަށާ ހިތަދޫއަށް ދާންޖެހުން އޮތީ ބޮޑު ތަކުލީފަކަށް ވެފައެވެ.

ޕީއެސްްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް އިބްރާހީމް ދީދީ ވިދާޅުވީ ކުރީ ސަރުކާރުތަކުން ހުޅުމީދޫގެ ސިއްޙީ ނިޒާމަށް ވަރަށް ބޮޑަށް އިޙްމާލުވެފައިވާކަމަށެވެ. ރަނގަޅު ސިއްޙީ ޚިދުމަތުން މަޙްރޫމްވެފައި ތިއްބައި ރައްޔިތުންގެ އަޑު އައްސަވައި ޚިދުމަތުގެ ފެންވަރު މަތިކުރެއްވީ މިސަރުކާރުންކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

"ކުރީގައި ޖެހޭނެ ދުވާލަކު އެތައް ވަގުތަކު އޯޕީޑީ އޭރިއާގައި މީހުން ޒުވާބުކޮށް މައްސަލަތައް ދިމާވެ ހުންނަން. ޚިދުމަތަށް ރައްޔިތުން ތިބީ ފެންބޮވައިގެންފައި. އަބަދުވެސް އެ ޝަކުވާ ކުރޭ. އެހެންނަމަވެސް އެއްވެސް ސަރުކާރަކަށް އެ ޝަކުވާއެއް އަޑެއް ނީވޭ. އެހެންނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާ ހަވާލުވެގެން ރައްޔިތުންގެ އެ ޝަކުވާ އެމަނިކުފާނާ ހަމައަށް ދިޔުމާއެކީގައި އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި. އެ ވިދާޅުވި ވިދާޅުވުމާ އެކީގައި މަސައްކަތް ފެށުނީ." އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ދިވެހިންނަށް ސިއްހީ ޚިދުމަތް ހަމަހަމަކޮށް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިންމު އެއް ވަޢުދެވެ. މި ވަޢުދުގެ ދަށުން ހުޅުމީދޫ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުން ގެންނެވުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ރަށުގައި ތިބެގެން ސިއްހީ ޚިދުމަތް ރަނގަޅު ގޮތުގައި ލިބޭނެ ތަނަކަށް ހުޅުމީދޫ ސިއްހީ މަރުކަޒު ބަދަލުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.

މިއަދު ހުޅުމީދޫ ސިއްޙީ މަރުކަޒަކީ، ރޭގަނޑު ބާރަ ޖެހުމުން ބަންދުކުރާ ތަނެއް ނޫނެވެ. މިވަގުތު ހުޅުމީދޫ ހެލްތު ސެންޓަރުގައި ތިން މެޑިކަލް އޮފިސަރުން 24 ގަޑިއިރު ޚިދުމަތް ދެއްވުމުގައި ދެމިތިބެއެވެ. މާޒީގައި ވޭތުވެދިޔަ ސަރުކާރުތަކުން ދޭތެރެ ދޭތެރެއިން އައުޓްރީޗް ޕްރޮގްރާމްތައްވެސް ހިންގާފައިވެއެވެ. އެ ޕްރޮގްރާމްތަކުގައި އަންހެނުންގެ ޑޮކްޓަރުންނާއި އެހެނިހެން ޑޮކްޓަރުން މަދުމަދުން ހުޅުމީދޫއަށް ޒިޔާރަތްކޮށްފައެވެ. އެހެންނަމަވެސް ޑޮކްޓަރަށް ދެއްކުމާއެކު އަނެއްކާ އުފުލަން ޖެހެނީ ބޮޑު ތަކުލީފެކެވެ. ރައްޔިތުންނަށް ޖެހެނީ އަނެއްކާ ދަތުރުފަށާ ހިތަދޫއަށް ގޮސް ސްކޭނުކޮށްގެން އަނބުރާ ރަށަށް އަންނާށެވެ.

"ސްޕެޝަލިސްޓުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެހެރީ ފުލީ އިކުއިޕްޓް ބްރޭންޑް ނިއު އެއްޗެހި އެހެރީ ގެނެސް ބަހައްޓާފައި. ވަސީލަތުގެ އެއްވެސް ދަތިކަމެއް ނުހުންނާނެ މި ސިއްހީ މަރުކަޒުގައި." އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ރައްޔިތުންގެ ވޭނީ ތަކުލީފުތަކަށް ނިމުން ގެންނެވުމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިމާރާތް އިތުރަށް ބޮޑުކޮށް، ލޮލުގެ ޑިޕާޓްމަންޓާއި، ދަތުރުގެ ފަރުވާއަށް ޚާއްސަ ޑިޕާޓްމަންޓާއި، އީއެންޓީއާއި، ޑައިލަސިސްއާއި، ފިޒިއޮތެރަޕީއާއި، އެކްސްރޭ ނެގުމުގެ ޚިދުމަތްވެސް މިސަރުކާރުން ވަނީ ފަށްޓަވާފައެވެ. ރައްޔިތުން ޒަމާނުއްސުރެ އެދިއެދިތިބި ކަންކަމަށް ނިމުން ގެނެސްދެއްވިއެވެ.

"މިހާރު މިތަނުން ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބޭތީ، ހިތަދޫއަށް ކޮންމެ ހަފްތާއަކު މިހާރު ދާކަށް ނުޖެހޭ. ކުދިކުދި އޮޕަރޭޝަންތައްވެސް ކޮށްލެވޭ. މިހާރު ޑައިލިސިސް އަދި ފިޒިއޯ އަދި ދަތުގެ ފަރުވާފަދަ ޚިދުމަތްވެސް ލިބޭތީ ވަރަށް ހިތްހަމަ ޖެހޭ." ހުޅުމީދޫ ސިއްޙީ ޚިދުމަތާއި ގުޅޭގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މީގެ ކުރިން މަހަކު އެއްފަހަރު ނުވަތަ ތިންމަހުން އެއްމަހު ޒިޔާރަތްކުރި ސްޕެޝަލިސްޓުން މިހާރު ކޮންމެ ހަފްތާއަކު ހުޅުމީދޫއަށް ޒިޔާރަތްކޮށް ބަލިމީހުން ބައްލަވައެވެ. އެގޮތުން ކޮންމެ ހަފްތާއަކު 14 ސްޕެޝަލިސްޓުން ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކޮށް ފަރުވާދިނުމުގެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ސިއްހީ ފަރުވާގެ ތެރެއިން މިއަދު ހުޅުމީދޫ ރައްޔިތުންނަށް އޮތީ އެންމެ ތަކުލީފެކެވެ. މާބަނޑުމީހުން ވިއްސުމުގެ އިންތިޒާމުތަކެވެ. އެކަމަށްވެސް ސަރުކާރުން މިވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ތިއޭޓަރު އެޅުމަށް ބިން ހަމަޖައްސައި، ކުރެހުންތައް ނިމި ދެން އޮތީ އަމަލީ މަސައްކަތް ފަށައިގަތުމެވެ.

ސިއްހީ ދާއިރާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގެންނަވަމުން ގެންދަވާ އިންގިލާބީ ބަދަލުތަކުގެ ތެރެއިން ސިއްހީ ޚިދުމަތްތެރިންގެ މުސާރައަށް ގެނެސްދެއްވި ކުރިއެރުމާއެކު ހުޅުމީދޫ ސިއްހީ މަރުކަޒުގެ ޚިދުމަތްތެރިންވެސް ތިބީ ޚިދުމަތުގައި އާ ރޫޙަކާއެކު ކުރިއަށްދިޔުމުގެ ޢަޒުމުގައެވެ.

"ސިއްހީ ޚިދުމަތްތެރިންގެ މުސާރައަށް މި ގެނެވުނު ބަދަލަކީ އެންމެންވެސް ބަލައިގަންނަ ހެޔޮ ބަދަލެއް. ކުޑަ އެއްޗެއް ނޫން ބޮޑުވެގެން ދިޔައީކީ. އަޅުގަނޑު މުސާރަ ޝީޓުގައި ސޮއެކުރާ މީހާވީމަ ފެނޭ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް އަށާވީސް ހާސް ރުފިޔާ، ތިރީސްހާސް ރުފިޔާ ލިބޭނެ މިސާލަކަށް ނަރުހުން، ލެބޯޓްރީ ޓެކްނޮލޮޖިސްޓުން. މި ބޭބޭފުޅުން." އިބްރަހީމް ދީދީ ވިދާޅުވިއެވެ.

މިއަދު ހުޅުމީދޫގެ ރައްޔިތުންގެ ސިއްހީ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތައް ރައްޔިތުން ބަލައިގަނެއެވެ. ހުޅުމީދޫ ސިއްޙީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ހޮސްޕިޓަލަކުން ފޯރުކޮށްދޭފަދަ ޚިދުމަތްތަކެކެވެ.