ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު 2 ވަނަ ފަހަރަށް ހެޔޮކޮށްފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި 2 ވަނަ ފަހަރެވެ. މީގެކުރިން ތެލުގެ އަގު ހެޔޮކޮށްފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މި ބަދަލާ އެކު މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 14.73 ރުފިޔާއެވެ. އަދި ޑީސަލް ލިޓަރެއްގެ އަގަކީ 15.07 ރުފިޔާއެވެ. މީގެކުރިން ޕެޓްރޯލް ޕެޓްރޯލް ލީޓަރެއް ހުރީ 15.14 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.70 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއެކު އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ކުންފުންޏެވެ. އެކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްއަކީ މުޅި ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ކުންފުންޏެވެ. އެގޮތުން މާލޭގައި ހުންނަ ޕެޓްރޯލް ޝެޑުތަކުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެލާއި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮވެސް ފޯރުކޮށްދެނީ އެކުންފުނިންނެވެ.