ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް: މުޅި މުބާރާތުގެ އެއްވަނަ ޔުމްނުއާއި ނުހައިކަށް


ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1444ގެ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ޔުމްނު އިސްމާޢީލް ރަޝީދު އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ މުޙައްމަދު ނުހައިކު އިބްރާހީމް ޝިފާޢު ޙާސިލުކޮށްފިއެވެ.

މިއަހަރުގެ ރަމަޟާން މަހު ގެނެސްދިން، ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމް ދިނީ މިކަމަށްޓަކަި އސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާގައިވަނީ އެކި ޢުމުރުފުރާއިން ވަނަވަނައަށް ހޮވުނު ކުދިންނަށާއި، މުޅި މުބާރާތުން ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. އެގޮތުން މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ސ.ފޭދޫ، ކާމިނީގޭ ޔުމްނު އިސްމާޢީލް ރަޝީދެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ގދ.ތިނަދޫ، ފަތިސް، މުޙައްމަދު ނުހައިކު އިބްރާހީމް ޝިފާޢުއެވެ.

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މިމުބާރާތުގައި ވަނަ ވަނައަށް ހޯދި ދަރިވަރުން ޙާސިލުކުރީ ޝަރަފުވެރި ކާމިޔާބީއެއްކަމަށެވެ. އެހެންނަމަވެސް އިނާމު ނުލިބޭ ކުދިންގެ ޝަރަފު ވަކިން ކުޑަ ނޫންކަން ޑރ.ޒަކަރިއްޔާ މޫސާވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއްގައި އެތައް ސަތޭކަ ކުދިންނާއި ވާދަކޮށް ކިޔެވުމަކީ ކުޑަކަމެއް ނޫންކަމަށް ޑރ.ޒަކަރިއްޔާ ވިދާޅުވިއެވެ.

"ﷲތަޢާލާ ޤުރުއާން ބާވައިލެއްވީ ހަމައެކަނި ރީތިކޮށް ކިޔަވާކަށްނޫން. އެއީވެސް މުހިއްމުކަމެއް. ޢާލަމްތަކުގެ ވެރި ﷲގެ ކަލާމްފުޅު އަޅުގަނޑުމެންގެ ދޫތަކުން ކިޔެވުމުގެ ފުރުސަތު ލިބުމަކީ މުޅި ކާއިނާތުގައިވާ އެންމެ ބޮޑު ނިޢުމަތް. އެހެންނަމަވެސް އަޅުގަނޑުމެން އެންމެންވެސް ހަނދާންކުރަންވީ، ޤުރުއާނުގެ ތަރުބިއްޔަތު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ މުހިއްމުކަން." ޑރ.ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ބައި ހިމެނޭހެން، 3 ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. މިގޮތުން ޢުމުރުން 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއާއި، 7 އަހަރާއި 10 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ އިތުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރާގައި ކުދިންވަނީ ބައިވެރިވެ ކިޔަވާފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިއަހަރު 800 އަށްވުރެ ގިނަ ކުދިންވަނީ ކިޔަވާފައެވެ. ކޯވިޑް 19ގެ ސަބަބުން ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބޭއްވި މުބާރާތަށްވެސް ޢާއްމުންގެ ފަރާތުންވަނީ ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައެވެ.