މަދަނީ ޖަމްޢިއްޔާތަކަށްހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކާއެކު، އެފަރާތްތަކުން ހުށަހަޅާ ޝަކުވާތައް މަދުކުރެއްވިއްޖެކަމަށާއި، މިއީ ނަތީޖާ ނެރެވިދާނެކަމުގެ ހެއްކެއްކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިދައުރުގެ ތެރޭގައި ޖަމިއްޔާތަކުގެ އަގު ވަޒަން ކުރަން ފެށުމަކީ އެކަމަކާ އުފާކުރައްވާކަމެއްކަމަށެވެ.
"ސިވިލް ސޮސައިޓި އެވޯޑްސް 2022" ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ، ޖަމްޢިއްޔާތަކަކީ، ކޮންމެ ޤައުމެއްގައިވެސް ސަރުކާރަށް ވާޞިލުނުވެވޭ ރައްޔިތުންނާއި ސަރުކާރާއި ގުޅުވާލަދިނުމުގެ މުހިއްމު މަސައްކަތް ކުރާ ފަރާތްތައްކަމަށެވެ. އަދި ކުޑަކުޑަ ބަޖެޓަކުން ބޮޑެތި ނަތީޖާ ޙާޞިލުކުރުމަކީ ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޤާބިލުކަން ދައްކުވައިދޭކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިފަދަ މުހިއްމު މަސައްކަތެއްކުރާ ބައެއްގެ އަގު ވަޒަން ނުކޮށް ފާއިތުވެގެން މިދިޔަ ތާރީޚަކީ ކަންބޮޑުވާ އަދި އެކަމާއި މެދު ހައިރާންވާކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ތިބޭފުޅުންނަށް ދެއްވި ޔަޤީންކަމާއެކީގައި، ޖަމިއްޔާތަކާއި ބެހޭ ޤާނޫނެއް މިއަދު ފާސްކުރެވި އެދަނީ ތަންފީޒުކުރެވެމުން. ހަމައެހެންމެ، އެންޖީއޯސްތަކަށް ވަކި ގްރާންޓް ޕްރޮގްރާމެއް ތަޢާރަފްކުރެވި، އޭގެތެރެއިންލާފައި، އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ ޕްރޮޖެކްޓްތަކެއްވަނީ ހިނގިފައި" މިނިސްޓަރ ވިދާޅުވިއެވެ.
ޔޫޔު މިނިސްޓަރ ވަނީ މިދައުރުގެ ތެރޭގައި ޖަމްޢިއްޔާތަކުގެ އަގުވަޒަންކޮށް ކުރިއަށް ދިނުމަށް ހިތްވަރު ދިނުމުގެ މިއެވޯޑް ތަޢާރަފްކުރެވިގެންދާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި މީގެކުރިން ޖަމްޢިއްޔާއެއް ރަޖިސްޓަރ ކުރުމަށް މަދުވެގެން 6 މަސް ނެގިކަން ފާހަގަކުރައްވާ އެކަމަށް ނިމުމެއް އައިސް، މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވިގެންދިޔަ މީސް ޕޯޓަލް މެދުވެރިކޮށް 3 ދުވަސްތެރޭގައި ޖަމްޢިއްޔާއެއް ރަޖިސްޓަރވުމުގެ މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިވިލް ސޮސައިޓީ އެވޯޑްސް 2022 ގައި 10 ފަރާތަށް ވަނީ އެވޯޑު ދީފައެވެ. އެފަރާތްތަކަމަށް އެވޯޑު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން އެވޯޑު ލިބިފައިވަނީ:
* އަންހެނުންނާއި، ކުޑަކުދިންނާއި ޒުވާނުންގެ ޙައްގުތައް ޙިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުމުގެ ދައިރާއިން، ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
* ޚާއްސަ އެހީގެ ދާއިރާއިން، ކެއަރ ސޮސައިޓީ
* ތަޢުލީމީ ދާއިރާއިން، އިހަވަންދޫ މަސްވެރިންގެ ގުޅުން
* ދިވެހިންގެ ޘަޤާފަތާއި، އާދަކާދަތަކާއި، ތާރީޚާއި، ތަރިކައާއި، ދިވެހި ބަސް ދިރުވާ އާލާކުރުމުގެ ދާއިރާއިން، ދިވެހި ރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމިއްޔާ
* ތިމާވެށީގެ ދާއިރާއިން، ނައިފަރު ޖުވެނައިލް
* ސިއްޙީ ދާއިރާއާއި، ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުމުގެ ދާއިރާއިން، އޭޖް ކެއަރ މޯލްޑިވްސް
މިރަސްމިޔާތުގައި ނޭޝަނަލް ރިކޮގްނިޝަން އެވޯޑް 4 ފަރާތަކަށް އަދި އެންޖީއޯ ގްރާންޓް 12 ފަރާތަކަށްވަނީ ދެއްވާފައެވެ. ނޭޝަނަލް ރިކޮގްނިޝަން އެވޯޑާއި، އެންޖީއޯ ގްރާންޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
* ޖަމިއްޔަތުއް ޠަޢާވުން
* ޑޭ ލައިޓް ކްލަބް
* ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ
* ގަރލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް
* ހއ.އިހަވަންދޫ، ކްލަބް ޕޯލްސްޓަރ
* ނ.މާޅެންދޫ، ސޮސައިޓީ ފޮރ ލީޑަރސް އިނިޝިއޭޓިވް ޑިވެލޮޕްމަންޓް
* ނ.ޅޮހީ، އައިލެންޑް ކޮންޒަވޭޝަން ޕްރޮޖެކްޓް
* ބ.ފުޅަދޫ، ފުޅަދޫ ޔޫތު ޑިވެލޮޕްމަންޓް
* މާލެ ސިޓީ، ވިމެން އިން ޓެކް
* މާލެ ސިޓީ، ބެނެފިޓް
* މާލެ ސިޓީ، އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް
* ގދ.ތިނަދޫ، ހުވަދޫ ރެކްރިއޭޝަންސް
* ގދ.ރަތަފަންދޫ، ރަތަފަންދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ
* ފުވައްމުލަކު ސިޓީ، މާލެގަމި ޔޫތު ފައުންޑޭޝަން
* ފުވައްމުލަކު ސިޓީ، ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް
* އައްޑު ސިޓީ، މީދޫ އެކުވެރިންގެ ޗޭނު
މި ރަސްމިއްޔާތުގައި ޖަމްޢިއްޔާތަކުގެ ރަސްމީ ޕޯޓަލް، މީސް ޕޯޓަލް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިއީ މަދަނީ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން، ޔޫތު މިނިސްޓްރީގައި ރަޖިސްޓަރވެގެން ރާއްޖޭގައި ޙަރަކާތްތެރިވާ ހުރިހާ ޖަމްޢިއްޔާތަކެއްގެ މަޢުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެހެން ޤާއިމުކޮށްފައިވާ ޕޯޓަލްއެކެވެ.