ކުޅިވަރު

ރިސޯޓް ލީގު: ވިލަމެންދޫ އާއި ލިލީ ބީޗް ސެމީއަށް


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ އަރި ޒޯނުގެ ސެމީ ފައިނަލަށް ވިލަމެންދޫ އައިލެންޑް ރިސޯޓާއި ލީލީ ބީޗް ދަތުރުކޮށްފިއެވެ.

ކޮންރެޑް މޯލްޑިވްސްގައި ކުރިއަށްދާ އަރި ޒޯންގައި ބައިވެރިވެފައިވަނީ ފަސް ޓީމެކެވެ. އެހެންކަމުން މި ޓީމުތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެއްވަނަ ޓީމުގެ ގޮތުގައި ކޮންރެޑް ވަނީ ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ދެވަނައަށްދިޔަ ވިލަމެންދޫ އާއި ތިންވަނައަށް ދިޔަ ލިލީ ބީޗަށް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.

ލީގު ބުރުގެ ފަހު މެޗުތައް މިއަދު ހަވީރު ކުޅުނުއިރު، ފުރަތަމަ މެޗުގައި ވިލަމެންދޫން ރެޑިސަން ބްލޫގެ މައްޗަށް ކުރިހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ހަތްވަނަ މިނެޓުގައި ވިލަމެންދޫގެ އިޙްސާން މަންސޫރު ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. އަދި އޭގެ ހަތް މިނެޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ވިލަމެންދޫގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެޑިސަން ބްލޫގެ ހަސަން ޝަޔާމް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވިލަމެންދޫން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގައި އެ ޓީމުން ވަނީ ހަ ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މަންސޫރެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ރިފާއު އާއި، އަލީ މާޖިދު އަދި މުޙައްމަދު މިސްބާހެވެ.

މީގެ އިތުރުން މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޑަބްލިއު މޯލްޑިވްސްގެ މައްޗަށް ލިލީ ބީޗް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިލީ ބީޗަށް ލީޑު ނަގައިދިނީ އާދަމް ސަލީމެވެ.

ދެވަނަ ހާފު ފަށައިގެން ލިލީ ބީޗުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 28 ވަނަ މިނެޓުގައި މޫސާ ނައިޝާން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ލިލީ ބީޗުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުޙައްމަދު ޝާހިލްއެވެ.

މި ނަތީޖާތަކާއެކު ލީގު ބުރުގެ ދެވަނައަށްދިޔަ ވިލަމެންދޫ އާއި ތިންވަނައަށްދިޔަ ލިލީ ބީޗަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފައެވެ. ވިލަމަންދުއަށް ދެވަނަ ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ވިލަމެންދޫން ވަނީ ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.