ޚަބަރު

މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތައް 7 ފަނޑިޔާރުންގެ ޕެނަލެއް


8 އަހަރުގެ މެދުކެނޑުމަކަށްފަހު "އިންޓަރ ސްކޫލް ލަވަ މުބާރާތް" ގެނެސްދިނުމަށް މިވަނީ ތައްޔާރުވެފައެވެ.

މިއަހަރުގެ މުބާރާތް ގެނެސްދޭން ނިންމާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެން.ސީ.އޭ ގުޅިގެންނެވެ.

ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ސްކޫލްތަކަށް ހުޅުވާލާ، މުބާރާތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތައްވަމުން އަންނައިރު، މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނެ ފަރާތްތައް މިހާރު މިވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް:

• ކާނަލް ޢަލީ މަނިކު (ދާރީ)
• އާދަމް ނަޞީރު އިބްރާހީމް
• ޝިފާ ތަޢުފީޤު
• މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
• މަރްޔަމް އުނޫޘާ
• މުޙައްމަދު ޝުހައިލް
• ފާޠިމަތު ފެޒްލީން

އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގެ ފަނޑިޔާރުން ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި މިއުޒީޝަނުން ހިމެނިފައިވެއެވެ. މީގެ ތެރޭގައި މީގެކުރިންވެސް ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ދިވެހި ބަހާއި އަދަބިއްޔާތު ވަކިން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ.

މިފަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު ވިދާޅުވީ، މިފަހަރުގެ މުބާރާތުންވެސް ކުދިންގެ ލަވަކިޔުމުގެ ހުނަރާއި މިއުޒިކްގެ ފަންނުވެރިކަން ފެނިގެންދިއުމަކީ ކުރައްވާ އުއްމީދެއްކަމަށެވެ. އަދި މިއީ ދިވެހި ޅެންވެރިކަމާއި، އަމިއްލަ ރާގުތައްވެސް އިތުރަށް ތަރައްޤީކުރުމަށް ހުޅުވައިދެވޭ މުހިއްމު ޕްލެޓްފޯމެއްކަމަށާއި، މިފަހަރުގެ މުބާރާތައްވެސް ވަރަށް އިންތިޒާރުކުރެވޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މި މުބާރާތުގެ ސަބަބުން ލަވަކިޔަން ޝަޢުގުވެރިވާ ކުދިންނަށް އެ ފުރުޞަތު ފަހިވެ، މުސްތަޤުބަލުގައި ފެންވަރު ރަނގަޅު ދިވެހި ލަވަކިޔުންތެރިން އުފެދިގެންދާނެ. މިހާރުވެސް ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ލަވަކިޔުންތެރިންނަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުން ވިދާލި ތަރިންކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އަދި މިފަހަރުގެ ޖަޖިންގ ޕެނަލްއަށް ބަލާލިއަސް އެކަން ފާހަގަކުރެވޭނެ. އެހެންކަމުން މި މުބާރާތަކީ ލަވަކިޔަން ޝަޢުގުވެރިވާ އަދި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ވަރަށް ރަނގަޅު ފުރުޞަތެއް" ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު ވިދާޅުވިއެވެ.

މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އަދި ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 20 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11 އަށް ޕީ.އެސް.އެމްގެ "ޔެސް ޓީވީ" މެދުވެރިކޮށެވެ. އަދި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

"އިންޓަރ ސްކޫލް ލަވަ މުބާރާތަކީ" ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. 1988 ވަނަ އަހަރު ފެށި މި މުބާރާތަކީ ލަވަކިޔުމުގެ ހުނަރު އާލާކުރުމާއެކު، މި ފަންނުގައި ހަރަކާތްތެރިވާނެ ކުދިން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.