ދުނިޔޭގެ ވިޔަފާރި

ސްރީ ލަންކާއިން ބައެއް ބޭހުގެ އަގުހެޔޮ ކުރަނީ


ސްރީ ލަންކާގައި ވިއްކާ ބައެއް ބޭހުގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.

ލަންކާގެ ސިއްހަތާބެހޭ ވަޒީރު،ކެހޭލިޔަ ރަމްބުކްވެލާއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މި މަހުގެ 15 އިން ފެށިގެން އެ ގައުމުގައި ވިއްކާ ގާތްގަޑަކަށް 60 ބޭހުގެ އަގު 16 އިންސައްތައަށް ހެޔޮކުރާނެއެވެ. މިގޮތަށް ނިންމާފައި ވަނީ ލަންކާއަށް މިދިޔަ އަހަރު ކުރިމަތިވި ބޮޑު މާލީ ކާރިސާއިން އަރައިގަނެވޭނެ ކަމުގެ ކޮޅުމަތި ފެންނަން ފެށުމުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އަގު ހެޔޮކޮށްފައިވާ ބޭސްތަކުގެ ތެރޭގައި ހަކުރު ބައްޔަށް ކާ ބޭހާއި، ހިތުގެ ބަލީގެ ބޭސްތައް އަދި ލޭގެ ޕްރެޝަރަށް ބޭނުންކުރާ ބޭސް ހިމެނޭ ކަމަށް ވަޒީރާ ހަވާލާދީ ހަބަރުތައް ބުނެއެވެ.ބޭހުގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އަހަރު ކުރިމަތިވި މާލީ ކާރިސާގެ ސަބަބުން ލަންކާގެ އަގު ވެއްޓިފައިވާ ފައިސާގެ އަގު 24 އިންސައްތައަށް އުފުލުމުން ކަމަށްވެސް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މާލީ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވި ދުވަސްވަރު ބޭހުގެ އަގު ބޮޑުކުރަން ޖެހުނުކަމަށާއި ބައެއް ބޭހުގެ އަގު 97 އިންސައްތައަށް ބޮޑުކޮށްފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރާ ހަވާލާދީ ހަބަރުތައް ބުނެއެވެ. ލަންކާގެ ސިއްހީ ހިދުމަތަށް ހޭދަކުރި މިންވަރު އޭޕްރީލް މަހު 35.4 އިންސައްތައިގައި ހުރިއިރު،މެއި މަހު މި މިންވަރު ވަނީ 27.3 އިންސައްތައަށް ދަށްވެފައެވެ. ނަމަވެސް މިއީ ލަންކާގެ އިންފްލޭޝަން މިހާރު ހުރި މިންވަރު ކަމަށްވާ 25.2 އަށް ވުރެ މަތީ އަދަދެކެވެ.

ލަންކާ ފައިސާގެ އަގު އުފުލުމާއެކު، އެ ގައުމަށް އެތެރެކުރުން މަނާކޮށްފައިވާ ބައެއް މުދާ އެތެރެކުރުންވެސް މި ހަފްތާ ތެރޭ ހުއްދާ ދޭނެ ކަމަށް މާލީ ވުޒާރާއިން ނެރުނު ބަޔާނަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ. އެގޮތުން 300 ނުވަތަ 400 ވަރަކަށް މުދާ ލަންކާއަށް އެތެރެކުރެވޭނެ ގޮތް ހަމަޖައްސާނެއެވެ.

2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އެއްގަމުގައި ދުއްވާ އުޅަނދާއި،ކޮސްމެޓިކްސް އަދި އެނޫންވެސް ބައެއް ތަކެތި ލަންކާއަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ބައެއް މުދާ އެތެރެކުރުމަށް ލުއި ދެމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.

ލަންކާއަށް މިދިޔަ އަހަރު ކުރިމަތިލާންޖެހުނު މާލީ ދަތިކަން ކުރިމަތިވެފައި ވަނީ ބޭރު ފައިސާގެ ރިޒާރވް ރެކޯޑު އަދަދަކަށް ދަށްވުމުގެ ސަބަބުންނެވެ. މިއާއިއެކު ތެލާއި،ބޭސް އަދި ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ވެސް ލިބުން ދަތިވިއެވެ. ނަމަވެސް ދަތިކަމުން އަރައިގަތުމަށް ވޭތުވެދިޔަ 9 މަސް ދުވަހު ތެރޭގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު،އައިއެމްއެފް އިން ވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ލަންކާއަށް ފޯރުކޮށްދީފައެވެ. މިއާއިއެކު އިންފްލޭޝަން ދަށްވެ،ބޭރު ފައިސާގެ ރިޒާރވްވެސް އިތުރުވެ، އަޑިއަޅާލާފައިވާ އިގްތިސާދު ރަގަޅުވާކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ލަންކާގެ މިއަހަރުގެ އިގްތިސާދީ ދުވެލި 3 އިންސައްތައަށް މަޑުޖެހޭނެކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ދުވެލި މަޑުޖެހޭނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފައިވާ 7.8 އިންސައްތައަށްވުރެ ދަށް އަދަދެކެވެ..