ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ވެސްޓް ހޭމް ޔުނައިޓެޑުން ހޯދައިފިއެވެ.
މިއާއެކު ވެސްޓް ހޭމުން މިވަނީ އެ ކްލަބުން ތައްޓެއް ހޯދުމަށް ވޭތުވެދިޔަ 43 އަހަރު ކުރި އިންތިޒާރު ނިމުމަކަށް ގެނެސްފައެވެ. ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ވެސްޓް ހޭމުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ފިއޮރެންޓީނާއާ ބައްދަލުކޮށް ދެ ލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ޕްރާގްގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއިންނެވެ. ނަމަވެސް ވެސްޓް ހޭމުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރައި ފިއޮރެންޓީނާއަށް ނުރައްކާ ކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި މެޗުގެ ދެވަނަ ހާފްގައިވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ފިއޮރެންޓީނާއިން މޮޅަށް ކުޅެމުން ދަނިކޮށް މެޗްގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކާއެކު ވެސްޓް ހޭމުން ލީޑު ނެގިއެވެ. މިޕެނަލްޓީ އަކީ ވެސްޓް ހޭމުން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފިއޮރެންޓީނާގެ ކެޕްޓަން ކްރިސްޓިއާނޯ ބިރާގީ އަތުގައި ޖެހުމުގެ ސަބަބުން ލިބިގެންދިޔަ ޕެނަލްޓީއެކެވެ. އަދި މިޕެނަލްޓީ ދީފައިވަނީ ވީއޭއާރުގެ އިރުޝާދާއެކު ރެފުރީ ޕިޗްސައިޑް މޮނީޓަރުން ބެލުމަށްފަހުއެވެ. މިޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައިދު ބެންރަހްމާއެވެ.
ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ފިއޮރެންޓީނާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިއަކޯމޯ ބޮނަވެންޗޫރާއެވެ. މިނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް މިމެޗުން ވެސްޓް ހޭމް މޮޅިވި ލަނޑު މެޗްގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެރޮޑް ބޮވެންއެވެ.
މި ކާމިޔާބީއާއެކު ވެސްޓް ހޭމަށް މިވަނީ މިއަންނަ ސީޒަންގެ ޔޫރޮޕާ ލީގުންވެސް ޖާގައެއް ލިބިގެން ގޮސްފައެވެ. އަދި މިއީ ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއިސްގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރެވުނު ފުރަތަމަ ތައްޓެވެ.