ކުޅިވަރު

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްފި


ޖަރުމަނުގެ ވެރިރަށް ބާލިންގައި މި މަހު ބާއްވާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

މި ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރަނީ ދެ ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނެވެ. މި ދެ ކުޅިވަރުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިއަދު ހަވީރު ހ. ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާ ބހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.

ބެޑްމިންޓަންގައި ޖުމްލަ ދެ އެތުލީޓުން ވާދަކުރާއިރު، އެ ދެ އެތުލީޓުންވެސް ވާދަކުރާނީ ސިންގަލްސް އިވެންޓުގައެވެ. އަދި އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ސްޓޭންޑިން ޖަމްޕް އިވެންޓުގައެވެ.

އެތުލެޓިކްސްގައި ވާދަކުރާ އެތުލީޓުންނަކީ ހަސަން ސުޖޫދް ނާޝިދާއި، އިބްރާހީމް ހުމެއިދު މުޙައްމަދާއި، އައިޝަތު ލައިކާ ހަސަން އަދި ޒާނާ އަލީ ޝަރީފެވެ. އަދި މި ޓީމުގެ ކޯޗުންނަކީ އަޙްމަދު ނިޒާރާއި އައިޝަތު މައުވާއެވެ. ބެޑްމިންޓަނުގައި ރާއްޖެއިން ވާދަކުރާނީ އައިޝަތު މާނިޔާ އާދަމާއި މުޙައްމަދު ރާއިފް ޝަރީފެވެ. މި ޓީމުގެ ކޯޗުންނަކީ އަލީ ޝަރުމީލާއި އައިޝަތު އަފްނާން ރަޝީދެވެ.

ރާއްޖޭގެ ޑެލިގޭޝަންގެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ފާތިމަތު ފައިރޫޒާ އާދަމެވެ. އަދި އެސިސްޓެންޓެއްގެ ގޮތުގައި ބައިވެރިވާނީ ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ ޓެކްނިކަލް އަދި ސްޕޯޓްސް ޑިރެކްޓަރު އިބްރާހީމް ރަމީޒެވެ. މީގެއިތުރުން ޓީމުގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަބްދުﷲ ޝާހެވެ.

ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފް ވިދާޅުވީ މިއީ ޚާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށާއި، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅިވަރުތަކުން އެތުލީޓުންނަށް ކުރިއަށްދާން ރަނގަޅު ޕްލެޓްފޯމެއް ޤާއިމުކޮށްދެވުން ކަމަށެވެ.

ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ ޓެކްނިކަލް އަދި ސްޕޯޓްސް ޑިރެކްޓަރު އިބްރާހީމް ރަމީޒް ވިދާޅުވީ މިއީ ވަރަށް ޚާއްސަ ކަމެއް ކަމަށާއި، އުއްމީދަކީ ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ޤައުމަށް ރީތި ނަމެއް ހޯދައިދޭ އެތުލީޓުންތަކެއް ފެނިގެންދިޔުން ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ގޭމްސްތަކުގައި ފެތުމާއި ބާސްކެޓްބޯޅައިގެ އިތުރުންވެސް ގިނަ ކުޅިވަރުތަކަކުން ފުރުސަތު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަމީޒް ވިދާޅުވިއެވެ.

މިއީ ރާއްޖެއިން މި ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެކުރިން 2019 ވަނަ އަހަރު އަބޫ ދާބީގައި ބޭއްވި ވޯލްޑް ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަމައެކަނި އެތުލެޓިކްސްގައެވެ. އެ ފަހަރު ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ވަނީ ރަން މެޑެލް ހޯދާފައެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑެލް ހޯދާފައެވެ.

މި އަހަރުގެ ގޭމްސްގައި 190 ގައުމަކުން ހަތްހާސް ފައްސަތޭކައެއްހާ އެތުލީޓުން ވާދަކުރާނެއެވެ.