ޚަބަރު

ސަރުކާރުގެ އަމާޒަކީ އިޤްތިޞާދުގެ ހުރިހާ ސިނާއަތަކުން ތެޔޮ އެންދުން ނިމުމަކަށް ގެނައުން: ޝައުނާ


ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަކަތައިގެ ދާއިރާގެ އިތުރުން އިޤްތިޞާދީ ހުރިހާ ސިނާއަތަކުންވެސް ތެޔޮ އެންދުން ނިމުމަކަށް ގެނައުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ވާރލްޑް ބޭންކު ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް 2023 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންންނެވެ. 120 އަށްވުރެ ގިނަ ބައިވެރިންނާއި އެކު ފެށި މި ކޮންފަރެންސަކީ މިފަދަ 3 ވަނަ ކޮންފަރެންސްއެވެ.

ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ދުނިޔެއަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ޖަށްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުންކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ބޭނުންކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު ޑީސަލަށް ކުރާ ޚަރަދު ކުޑަކުރެވިފައިވާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ބޭނުންކުރާ ކަރަންޓަކީ ތިމާވެއްޓާ ރަށްޓެހި އެއްޗަކަށް ހެދުމުގެ އިތުރަށް އިޤްތިޞާދީ ހުރިހާ ސިނާއަތަކުންވެސް ތެޔޮ އެންދުން ނިމުމަކަށް ގެނައުންކަމަށެވެ. މިގޮތުން ދަތުރުފަތުރުގައާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކުނި މެނޭޖް ކުރުމުގައިވެސް ތެޔޮ އެންދުން ނިމުމަކަށް ގެނައުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން އެ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުޞަތުތައް އިތުރުވެ މޫސުމީ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ފައިދާތައްވަމުން އަންނާނެކަމަށެވެ.

" ވޭތުވެދިޔަ 4 އަހަރު ޕީޕީއޭ މޮޑެލްގެ ސްކޭލިންގ އަޕް މެދުވެރިކޮށް، ޓެރިފް ކިލޯވޮޓް ގަޑިއަކު 21 ސެންޓުން، 10 ސެންޓަށްވުރެ ދަށަށް ވަނީ ގޮސްފައި. މިއީ އަޅުގަނޑުމެންފަދަ ކުޑަ ޤައުމަކަށް ލިބުނު ބޮޑު ކާމިޔާބީއެއް. މިއަދު އަޅުގަނޑުމެންނަށް 17.5 މެގަވޮޓްގެ ސޯލަރ ބޭނުންކުރުމުގެ މަރުހަލާގައި އަދި 56 މެގަވޮޓްގެ ސޯލާ ހަރުކުރުމަށް ވަނީ ތައްޔާރުވެފައި." މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.

މިކޮންފަރެންސްގައި ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުދެއްކެވި ވާހަކަފުޅުގައިވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ތެލަށާއި ކަރަންޓް ސަބްސިޑީއަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މިނިސްޓަރ އަމީރުވެސް ވަނީ ރާއްޖެއިން ތެލަށް ކުރާ ޚަރަދުކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒުކަން ފާހަގަކުރައްވާފައެވެ.

" ފާއިތުވު 5 އަހަރުތެރޭ ރާއްޖެއިން ތިމާވެއްޓާ ރަށްޓެހި ގިނަ މަސައްކަތްތަކެއް ކުރެއްވިއްޖެ. އޭގެ ތެރޭގައި ވޭސްޓު އެނަރޖީ ޕްލާންޓް ޤާއިމްކުރުމާއި އިލެކްޓްރިކް ބަސް ބޭނުންކުރުން ހިމެނޭ. އިޔާދަކުރަނިވި ހަކަތައާއެކު އަގުހެޔޮކޮށް ކަރަންޓުވެސް ބޭނުންކުރެވޭނެ." ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވިއެވެ.

ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސަކީ ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގުމަށް ރާވާފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މީގެ އިތުރުން ރާއްޖެއިން ނެޓްޒީރޯ އެމިޝަން ޤައުމަކަށްވުމަށް ގެންގުޅޭ ތަސައްވަރާއި، ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މިކޮންފަރެންސްގައި އިންވެސްޓަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިކޮންފަރެންސްގައި ޖުމްލަ 141 އިންވެސްޓަރުން ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ކަމަށެވެ. އޭގެތެރެއިން 67 އިންވެސްޓަރުން ކޮންފަރެންސްގައި ބައިވެރިވަނީ ވާރޗުއަލްކޮށެވެ. މިކޮންފަރެންސްގައި ދުނިޔޭގެ އެހެން ޤައުމުތަކާއި އަދި ރާއްޖޭގައިވެސް ފުޅާދާއިރާގައި ފްލޯޓިންގ ސޯލަރ ނިޒާމުތައް ޤާއިމުކޮށްފައިވާ "ސްވިމް ސޯލް" އަދި ނޯވޭގެ އޯޝަން ސަން ކުންފުނިން އެކުންފުނިތަކުގެ ތަޖްރިބާ އިންވެސްޓަރުންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫޢުގެ ދަށުން އިއުލާންކޮށްފައިވާ 16 މެގަވޮޓް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި އައްޑޫ ސިޓީގެ މޫދުގައި ގާއިމުކުރާ 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށް ދޭނެއެވެ. އަދި މި މަޝްރޫޢުތަކާއި ގުޅޭ ގޮތުން އިންވެސްޓަރުން އޮޅުންފިލުވަން ބޭނުންވާ ސުވާލުތަކުގެ ޖަވާބުވެސް މިސެޝަންތަކުން ލިބިގެންދާނެއެވެ. އޭގެ އިތުރުން ވާރލްޑް ބޭންކުން ހަކަތައިގެ ދާއިރާއަށް ހިންގާ މަޝްރޫޢުތަކާއި އަދި އެ މަޝްރޫޢުތަކުގެ ރިސްކް މިޓިގޭޝަން ފްރޭމްވާރކްގެ މައުލޫމާތު ސެޝަނެއް އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރލްޑް ބޭންކްގެ އެސްޕަޔަރ އަދި އެއިސް މަޝްރޫއަށް ކަނޑައަޅާފައިވާ ރިސްކް ކަވަރޭޖް އަދި ގެރެންޓީ މެކޭނިޒަމްގެ މައުލޫމާތުވެސް މި ކޮންފަރެންސްގެ އަލީގައި އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.