ޚަބަރު

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހޯދަން އެދޭނަން: އަސްލަމް


ކޮމިޓީތައް އެކުލަވާލެވި ކޮމިޓީތަކުގެ މަސައްކަތް ފެށުމުން ޗާގޯސްގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ބުނާ ސިޓީފުޅު ހޯއްދެއްވުމަށް 241 ކޮމެޓީން އެދޭނެ ކަމުގައި އެކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާއްމުކުރެއްވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

މިމައްސަލާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރައްވާ އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތުމަކީ މަޖިލީހުގެ މަސައްކަތް ހުއްޓުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ފުޅާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާއިރު، އެސިޓީ މަޖިލީހަށް ހޯއްދެވުމަށް 241 ކޮމެޓީން ކުރަންޖެހޭ މަސައްކަތް ކުރެވޭނީވެސް ކޮމިޓީތައް އެކުލަވާލިވެގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާއި ގުޅޭގޮތުން އަޅުގަނޑަށް ގޮތެއް ނުނިންމިފައި އޮތީ 241 ކޮމެޓީ ނުބޭއްވިގެން. 241 ކޮމެޓީ ބޭއްވޭ ފުރަތަމަ ދުވަހު އަޅުގަނޑު އެކޮމެޓީގެ ޗެއާއަށް އިތުރަށް އިންނަ ކަމުގައިވާނަމަ، ރައީސުލްޖުމްހޫރިއްޔާގެ އެ ސިޓީފުޅު ހޯދަންވެސް 241 ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ އެއް ފޮނުއްވަން އަޅުގަނޑު މިހިރީ ގަސްތުކޮށްގެން." އަސްލަމް ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖެއިން ހުށައެޅިގޮތަށް، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ކުރެއްވި ހުކުމުގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި އަސްލަމް ވިދާޅުވީ ކޮމެޓީތައް އެކުލަވާނުލެވި އޮތީ ސިޔާސީ ޕާޓީތަކުން އެއްބަސްނުވެގެންކަމަށް މަޖިލިސް ރައީސް މައުލޫމާތު ދެއްވާފައިވާކަމަށެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް ބަހާނުލެވި ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކީ މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮންނަ ދުވަހެއް ކަމަށާއި މަޖިލީހުގެ ކޮމެޓީތަކުގައި މިހާރުވެސް ވަރަށް މުހިންމު ހައްސާސް މައްސަލަތަކެއް އެބަހުރިކަމަށެވެ.

"އެމްޑީޕީން މަޖިލީހުގައި މިވަގުތު ތަމްސީލް ކުރަނީ 64 ޕަސެންޓު. އެއީ މަޖިލީހުގެ ކޮމެޓީތަކުގެ 113 ސްލޮޓް. އެ 113 ސްލޮޓަށް އަޅުގަނޑުމެން މިތިބީ އެއްބަސްވެގެން. މަޖިލީހުގެ ގަވާއިދު ވަރަށް ސާފު. މަޖިލީހުގައި މެމްބަރުން ނިސްބަތްވާ މިންވަރަށް ކޮމްޕޮޒިޝަން ހަމަޖައްސައި، އެ ފާސްކުރައްވަންޖެހޭ." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމެޓީތަކުގައި ގިނަ ބިލްތަކެއްގެ މަސައްކަތާއި މިނިވަން މުވައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ރުހުން ދެއްވުމުގެ މައްސަލަތަކާއި، ސަފީރުން އައްޔަން ކުރުންފަދަ މުހިންމު މަސައްކަތްތަކެއް ހުރިނަމަވެސް، އެ މަސައްކަތްތައް ހުރީ މަޑުޖެހިފައެވެ.