ވިޔަފާރި

ގޭބިސީގެ އާމްދަނީ އާއި ޚަރަދުގެ ސާވޭއެއް މިމަހު ފައްޓަވަނީ


ގޭބިސީގެ އާމްދަނީ އާއި ޚަރަދު ކުރުން ހުރިގޮތުގެ ސަރވޭ މިމަހު ފެށުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތައްޔާރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށްގެންދަވާ މި ސަރވޭގައި ގޭބިސީތަކުން އެކި ކަންކަމަށް ކުރާ ޚަރަދާއި ބޭނުންކުރާ ކާބޯތަކެތީގެ މިންވަރާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި ލިބޭ އާމްދަނީ ފަދަ މަޢުލޫމާތު އެއްކުރެވޭނެއެވެ.

އެފަދަ މަޢުލޫމާތުގެ އެހީގައި ކޮންސިއުމަރ ޕްރައިސް އިންޑެކްސްގެ ބާސްކެޓްގައި ހިމެނޭ މުދަލާއި ޚިދުމަތުގެ ބުރަދަން، ގޭބިސީގެ ޚަރަދުކުރުމުގެ ގިންތިތަކަށް އައިސްފައިވާ ބަދަލުތަކާއި އެއްގޮތަށް އިސްލާހުކުރެވޭނެކަމަށް އެ ބިއުރޯއިން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން ގޭބިސީތަކުގެ ޚަރަދު ފަދަ މަޢުލޫމާތު، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު އެކުލަވާލުމަށް ބޭނުންކުރެވޭނެކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއެވެ.

މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައި ވަނީ މާރޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އަދި އޯގަސްޓު މަހުން ފެށިގެން އޮކްޓޯބަރ މަހުގެ ނިޔަލަށެވެ. މާލެއިން ހޮވާލެވޭ 720 ގޭބިސީއަކާއި 20 އަތޮޅުން ހޮވާލެވޭ 4،265 ގޭބިސީގައި މި ސަރވޭ ކުރެއްވުމަށް އެ ބިއުރޯއިން ވަނީ ނިންމަވާފައެވެ. މިއީ އެ ބިއުރޯއިން އާއްމުކޮށް ކުރިއަށްގެންދަވާ ސަރވޭތަކުގެ ތެރެއިން ކޮންމެ 5 އަހަރަކުން 1 އަހަރު ކުރިއަށް ގެންދަވާ ސަރވޭއެކެވެ.