ޓުއަރިޒަމް

އުތީމުގައި ސީޓި ހޮޓަލެއް އެޅުމަށް ބިޑަށް ހުޅުވާލަނީ


ކުރިޔަށް އޮތް 20 ދުވަހުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ސީޓި ހޮޓަލެއް އެޅުމަށް ބިޑަށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އުތީމުގައި ސަތޭކަ އެނދުގެ ސިޓީހޮޓަލެެއް ތަރައްޤީ ކުރެއްވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު ސޮއިކުރެއްވި އެމްއޯޔޫއާއި ގުޅޭގޮތުން ޕީއެސްއެމަށް މަޢުލޫމާތުދެއްވަމުން އުތީމު ކައުސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ މި ހޮޓާ ތަރައްޤީކުރެއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ބާރު އެމްއޯޔޫގެ ދަށުން ކައުންސިލަށް ލިބިގެންވާކަމަށެވެ.

ސިޓީ ހޮޓާ އެޅުމަށް އުތީމު ހުޅަނގު ފަރާތު ތުނޑީ ސަރަޙައްދުން 26،2316 އަކަފޫޓު ބިމެއްދޫކުރުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އަދި އެސަރަޙައްދަކީ ބޮޑު ތަކުރުފާނު ދޫނި ހިއްޕެވި އުތީމުގެ ދޫނި ތުނޑި ސަރަޙައްދުކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ. އެކައުންސިލުން އިތުރަށް ވިދާޅުވީ ހޮޓާ އެޅުމަށް ދޫކުރާ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަންސާސް އަހަރަށްކަމަށެވެ.

އުތީމުގައި ސިޓީ ހޮޓަލެއް އެޅުމަށް ބައެއް ފަރާތްތަކުން ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވާކަމަށްވެސް އުތީމު ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

އުތީމުގައި ސިޓީ ހޮޓަލެއް އެޅުމަށް މިއަދު ސޮއިކުރި އެމްއޯޔޫގައި މިނިސްްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު މުސާ ޒަމީރެވެ. އަދި އުތީމު ކައުސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސްރާރު އާދަމެވެ.