ޚަބަރު

ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވި މިއަދުވެސް ޖަލްސާ ނިންމަވާލައްވައިފި


ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ މިއަދުގެ ޖަލްސާގައިވެސް ކުރިއަށް ނުގެންދެވި ޖަލްސާ ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާއަށްވެސް މިމައްސަލަ އެޖެންޑާ ކުރައްވާފައިވުމުން ބަންޑާރަ ނައިބު ވަނީ މަޖިލީހަށް ވަޑައިގެންފައެވެ. މައްސަލައިގެ ބަހުސަށް ވަގުތު ކަނޑައެޅިފައިވާ ގޮތާއި، މިހާތަނަށް ބަހުސްގެ ވަގުތު ހޭދަކުރެވިފައިވާ މިންވަރުވެސް މަޖިލިސް ރައީސް ވަނީ ހާމަ ކުރައްވާފައެވެ. ދެ ގަޑިިއިރުގެ ބަހުސްގެ ވަގުތެއް ކަނޑައެޅުނު މިމައްސަލާގައި ބަހުސް ނުކުރެވި ބާކީއޮތީ 49 މިނިޓްގެ ވަގުތެވެ.

ބަހުސަށް ދިއުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު މަޖިލީހަށް އިމްތިޔާޒާއި ބެހޭ މައްސަލައެއް ހުށަހަޅުއްވާފައި ވުމުން، މަޖިލީހުގެ ރައީސް ވަނީ އެމައްސަލަ ހުށަހެޅުއްވުމަށް ޖާގަ ދެއްވާފައެވެ. މިމައްސަލައަކީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅުއްވި މައްސަލައެކެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު މިމައްސަލަ މަޖިލީހުގައި ބަހުސް ކުރެއްވުމަށް ނެގުނު ވޯޓުގައި މިމައްސަލާގައި ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެމްބަރެކެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މިމައްސަލައަށް ބަހުސް ކުރަން ނުފެންނަކަމަށް ނިންމެވި ނަމަވެސް މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވުމަށްވެސް މެމްބަރު ހުށަހަޅުއްވާފައިވުމުން މަޖިލިީހުގެ ރައީސް ވަނީ މިމައްސަލަ އިމްތިޔާޒު ކޮމެޓީއަށް ފޮނުވާފައެވެ.

މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދަން ނިންމުމުން، މަޖިލީހުގެ ރައީސް ވަނީ ޖަލްސާއަށް އެޖެންޑާ ކުރެއްވި ބަންޑާރަ ނައިބްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދަން ނިންމަވައި ބަހުސް ފައްޓަވާފައެެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ މިމައްސަލާގައި އޭނާ ދެކޭގޮތް ހާމަ ކުރައްވާފައެވެ.

އުޝާމްގެ ވާހަކަ ދައްކަވަނިކޮށް، މެމްބަރު ހުސެއިން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގެ އިމްތިޔާޒީ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ މިބަހުސް މެދުކަނޑާލެއްވުމަށް އެދިވަޑައިގެންފައެވެ. ހުސެންގެ ވާހަކައިގެ ތެރެއިން ނިޒާމީ ނުކުތާ ނެންގެވި، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޢަފޫރު މޫސާ ވިދާޅުވީ މަޖިލީހަށް މިމައްސަލައިގެ ލިޔެކިޔުން ހުށަހަޅުއްވައި، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވި ނަމަވެސް މިކަމުގައި އިތުރު ސުވާލު އުފައްދަވައި މައްސަލަ ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

މެމްބަރުންގެ ނިޒާމީ މައްސަލަތަކުގައި ފާހަގަ ކުރެއްވި ކަންތައްތަކާއި، އިމްތިޔާޒީ މައްސަލައެއް ހުށަހެޅިފައި އޮތުމުން މަޖިލީހުގެ ރައީސް ވަނީ މަޖިލިސް މެދުކަނޑާލައްވާފައެވެ. މަޖިލިސް މެދު ކަނޑާލެއްވުމަށްފަހު ޖަލްސާ ފެއްޓެވުމަށް މަޖިލީހުގެ ރިޔާސަތުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ޢަމަލު ކުރައްވަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖު ކުރައްވާފައެވެ. މެމްބަރުންގެ އިހުތިޖާޖް ކުރެއްވުމުން އިއްޔެގެ ޖަލްސާއެކޭވެސް އެއްފަދައިން މިއަދުގެ ޖަލްސާވެސް ނިންމަވާލީ އެޖެންޑާގައި ހުރި ގިނަ މަސައްކަތްތައް ކުރިއަށް ނުގެން ގޮސްކަން ފާހަގަ ކޮށްލެވެއެވެ.