ކުޅިވަރު

ރިސޯޓް ލީގު: ކޮންރެޑާއި ރެޑިސަންވެސް އެއްވަރު


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ އަރި ޒޯނުގައި ކޮންރެޑް މޯލްޑިވްސްއިން ކުޅުނު ދެވަނަ މެޗު އެއްވަރުވިއިރު، ރެޑިސަން ބުލޫ އާއި ޑަބްލިއު މޯލްޑިވްސް ބައްދަލުކުރި މެޗުވެސް އެއްވަރުވެއްޖެއެވެ.

ކޮންރެޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޮންރެޑާއި ލިލީ ބީޗެވެ. މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ކޮންރެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް އާޒިމެވެ. މި ލަނޑަށްފަހުވެސް ފުރަތަމަ ހާފުގައި ކޮންރެޑަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިލީ ބީޗުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަނީފް އަބްދުﷲއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ކޮންރެޑުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަބްދުއް ސަމަދެވެ. އެކަމަކު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ލިލީ ބީޗުގެ މުޙައްމަދު ޝާހިލް ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މީގެ އިތުރުން މިއަދު ހަވީރު ރެޑިސަން ބްލޫ އާއި ޑަބްލިއު މޯލްޑިވްސް ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއީ މި މުބާރާތުގައި ރެޑިސަންއިން ކުޅުނު ފުރަތަމަ މެޗެވެ. ޑަބްލިއު މޯލްޑިވްސްއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކޮންރެޑް އަތުން 5-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަސްވަނަ މިނެޓުގައި އާދަމް ޝާހިދު މުޙައްމަދު ވަނީ ލަނޑެއް ޖަހައި ޑަބްލިއުއަށް ލީޑު ނަގާދީފައެވެ. އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން ރެޑިސަން ބްލޫއިން ވަނީ ޑަބްލިއުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެއާއެކު މެޗުގެ 24 ވަނަ މިނެޓުގައި ރެޑިސަންގެ އަބްދުﷲ ޒިޔަޒަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މުބާރާތުގައި މާދަމާވެސް ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރެޑިސަން ބްލޫ އާއި ލިލީ ބީޗެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮންރެޑާއިި ވިލަމެންދޫއެވެ.