މި އަހަރުގެ ޤައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2023" ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މިދިޔަ އަހަރު މުޅިން އަލަށް ފެށި ޤައުމީ ބޮޑީބޯޑިން ލީގުގެ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ރަސްމީ ޕޯސްޓަރު އިއްޔެ ދައްކާލާފައިވާއިރު، ޕާޓްނަރުންވެސް ވަނީ އިއުލާނުކޮށްފައެވެ.
ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތް ލޯންޗުކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ އާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ. މީގެއިތުރުން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ، ހަަސަން ރަޝީދު (ރަޝް) އާއި ޖޫނިއާ ޤައުމީ ޓީމުގެ ބޮޑީބޯޑަރު އާމިން އުމަރު މޫސާވެސް ބައިވެރިވިއެވެ.
މި މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ މެއި މަހުގެ 5-13 އަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލުތަކާއެކު މި މުބާރާތް މިހާރު ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 17-23 އަށެވެ.
ބުރުނު ޝިކާރަށްފަހު ދެވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު ބާއްވަން ކުރިން ހަމަޖެއްސީ މި މަހުގެ 21-30 އަށެވެ. އެކަމަކު މިހާރު މުބާރާތް ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 21-29 އަށެވެ. މީގެއިތުރުން ކ. ތުލުސްދޫގައި ބާއްވާ ތިންވަނަ މުބާރާތް ވަނީ އޮކްޓޯބަރު މަހުގެ 13-21 އަށް ފަސްކޮށްފައެވެ. ކުރިން އެ މުބާރާތް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 8-16 އަށެވެ. މީގެ އިތުރުން ޤައުމީ ބަނޑުފިލާ ޗެލެންޖް ވަނީ ނޮވެމްބަރު 23 އިން ޑިސެމްބަރު އެކަކަށް ބާއްވަން ނިންމާފައެވެ.
މި މުބާރާތްތަކުގެ ތާރީޚަށް ބަދަލުތަކެއް ގެނައި ނަމަވެސް ދުނިޔޭގެ ބޮޑީބޯޑިން ފެޑެރޭޝަންގެ އެންމެ މަތީ ފަންތީގެ އެއް މުބާރާތް ކަަމަށްވާ މޯލްޑިވްސް ޕްރޯގެ ތާރީޚަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެ މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 3-12 އަށެވެ.