ރިޕޯޓް

އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށަނީ


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ސައިޓްތައް ކޮންޓްރެކްޓަރާ ޙަވާލުކޮށް، އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމް.އޭ.ސީ.އެލުން ހާމަކޮށްފިއެވެ.  ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމް.އޭ.ސީއެލުން ކުރަމުން އަންނައިރު، މި މަސައްކަތް ޙަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ ޓެކްނިކަލް ޓީމެއް މިހާރުވެސް ދަނީ އެއަރޕޯޓުގައި ޙަރަކާތްތެރިވަމުންނެވެ. އެގޮތުން އެއަރޕޯޓުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ބިން ހިއްކުމުގެ ކުރިން ހަދަންޖެހޭ ބޯރހޯލް ސަރވޭ ހެދުމާއި، ޖިއޯ-ޓެކްނިކަލް ސަރވޭ ހެދުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން ދަނީ ކުރަމުންނެވެ.

އެމް.އޭ.ސީއެލުން ބުނީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ޢަމަލީ މަސައްކަތް ފެށެން އަންނަނީ، އެއަރޕޯޓުގައި ހިމެނޭ ބައެއް ފެސިލިޓީތައް އެހެން ސަރަޙައްދަކަށް ބަދަލުކޮށްގެންކަމުން، އެމަސައްކަތް ވަރަށް ބާރު ސްޕީޓުގައި ކުރިޔަށް އެބަގެންދާކަމަށެވެ. އެގޮތުން އެއަރޕޯޓުގައި އިތުރު ގޭޓްތައް ހެދުމާއި، އިތުރު ލައުންޖްތައް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރައްވަމުންނެވެ. އެމް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ރީލޮކޭޝަންގެ މަސައްކަތަށް ބޭނުންވާ 13 ޢިމާރާތެއް އެޅުމަށް މިދިޔަ އަހަރު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި މި 13 ޢިމާރާތުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމި، މިހާރު ހުރި ވަޞީލަތްތައް އެތަންތަނަށް ބަދަލުކުރެވިގެންދާނެކަމަށެވެ. މީގެ އިތުރުން، އެމް.ޕީ.އެލްއާ ޙަވާލުކޮށްގެން އެއަރޕޯޓުގައި ހުރި ބޮންޑެޑް ވެއަރ ހައުސް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ނެވިގޭޝަނަލް އިކުއިޕްމަންޓްވެސް ބަދަލުކުރުމާއި، އެއަރޕޯޓަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަށް ފުޅާކުރުމުގެ ގޮތުން އިތުރު 2 ޖެންސެޓް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ޢާދިލް ފާހަގަކުރެއްވިއެވެ."އެއަރޕޯޓަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތްވެސް އިތުރުކޮށްދިނުމުގެ ގޮތުން، މިހާރު އިތުރު 2 ޖެންސެޓް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދަނީ. މިއީ މައިގަނޑުގޮތެއްގައި ހިނގާ ބޮޑެތި ކަންތައްތައް. އެއަރޕޯޓް ޑިވެލޮޕްމަންޓް ފެށެންވާއިރަށް ނިންމަންޖެހޭ ކަންތައްތައް. އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ޓައިމްލައިންތަކަށް މި މަސައްކަތްތައް ނިމި، އެއަރޕޯޓުގެ މަސައްކަތް ފެށެންވާއިރަށް ބޭނުންވާ ސަރަހައްދުތައް ކޮންޓްރެކްޓަރަށް ހަވާލުކުރެވޭނެ." ޢާދިލް ވިދާޅުވިއެވެ.މީގެ އިތުރުން، އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންވެސް އެމް.އޭ.ސީއެލްގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ މަރާމާތުކުރުމާއި، އެއަރލައިންތަކަށް ބޭނުންވާ ގްރައުންޑް ހޭންޑިލްންގައި އިކުއިޕްމަންޓްސް އިތުރަށް ހޯދުމަށް 150 މިލިއަން ރުފިޔާގެ ސާމާނަށް އޯޑަރުކުރެވި، އެތަކެތި ރާއްޖެ ގެނެއުމުގެ މަސައްކަތް ކުރައްމުން އަންނަކަމަށް ޢާދިލް ވިދާޅުވިއެވެ."އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންވެސް މަސައްކަތްތަކެއް ދަނީ ކުރަމުން. އެންމެ މައިގަނޑު އެއް މަސައްކަތަކީ މިހާރު ބޭނުންކުރަމުންދާ ރަންވޭ ރީސަރފޭސް ކުރުމުގެ މަސައްކަތް. ޑިސެމްބަރު މަހު ފެށި މިމަސައްކަތް އުއްމީދު މި ކުރަނީ މިމަހުގެ ނިޔަލަށް ނިންމާލެވި، ރަންވޭގައި ދިމާވާ މައްސަލަތައް ހައްލުކުރެވި، މިހާރު ހުރި ރަންވޭއަށް ވުރެ ފެންވަރު ރަނގަޅު ރަންވޭއެއް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެކަމަށް" ޢާދިލް މޫށާ ވިދާޅުވިއެވެ.އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމް.އޭ.ސީ.އެލުން ކުރައްވަމުން ގެންދާއިރު، އެކުންފުނީގެ އަމާޒަކީ، މި އަންނަ މަހުގެ ނިޔަލަށް ކޮންޓްރެކްޓަރަށް ބޭނުންވާ ސައިޓް ޙަވާލުކުރެވި، ޢަމަލީ މަސައްކަތްތައް ފެށިގެންދިޔުމެވެ. މި ބިޔަ މަޝްރޫޢުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، އާ ރަންވޭއެއް އެޅުމާއި، ފިޔުލްފަރމެއް ތަރައްޤީކުރުން އަދި ކާގޯ ކޮމްޕްލެކްސްއެއް އެޅުން ފާހަގަކޮށްލެވެއެވެ. ކަނޑައެޅިފައިވާ ތަރީޚަށް މަސައްކަތްތައް ކުރިއަށްދާނަމަ، 2018 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ހާމަކުރެއެވެ.އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރެއްވުމުގެ ދުވެލި ހަލުވިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީ އަވަސްކުރައްވައި ފުޅާކުރެއްވުމަށް، ސަރުކާރުން ނިންމެވި ނިންމެވުމެއްގެ ދަށުން އަދި ސަރުކާރުން އެކަށައެޅުއްވި މަޝްރޫޢެއްގެ ދަށުން ކުރެވޭ މަސައްކަތެއް. މިކަމަށް ބޭނުންވާ މާލީ އަދި ގުޅުންހުރި އެހެން ކަންކަން ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ.