ދުނިޔޭގެ ވިޔަފާރި

ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލްކުރަންޖެހެނީ ހުޅަނގުގެ ގައުމުތަކުން ފައިސާ ޗާޕްކުރާތީ


އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް ކަންޓްރީސް،އޯޕެކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު އަނެއްކާވެސް މަދުކުރަން ނިންމާނެކަމަށް ބެލޭވޭކަމަށް ހަބަރުތައް ބުނެފިއެވެ.

ހޮނިހިރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ އޯޕެކުގެ ބައްދަލުވުމުގައި، ބާޒާރަށް ނެރޭ ސްޓޮކުން ގާތްގަޑަކަށް 1 މިލިއަން ފީފާގެ ތެޔޮ މަދުކުރާނެކަމަށް ބެލޭވޭކަމަށް ރޮއިޓާސްއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އެއް މިލިއަން ފީފާގެ ތެޔޮ މަދުކުރާނީ މިހާރު މަދުކޮށްފައިވާ 2 މިލިއަން ފީފާގެ ތެލުގެ އިތުރުންނެވެ. އަދި އަދި މިދިޔަ އޭޕްރީލްމަހު މަދުކުރާނެކަމަށް އިއުލާނުކުރި 1.6 މިލިއަން ފީފާވެސް އޭގެ ތެރޭގައި ނުހިމެނެއެވެ. މިއާއިއެކު ޖުމްލަ 4.66 މިލިއަން ފީފާގެ ތެޔޮ އޯޕެކް ޕްލަސްއިން މަދުކުރާނެއެވެ. މިއީ ދުނިޔޭގެ ތެލަށް އޮތް ޑިމާންޑުގެ 4.5 އިންސައްތައެވެ.

ދުނިޔޭގެ ސާފުނުކުރާ ތެލުގެ 40 އިންސައްތް އޯޕެކް ޕްލަސްއިން ހިއްސާކުރާއިރު، ތެޔޮ އުފައްދާ މިންވަރު އޯޕެކުން މަދުކޮށްކޮށްފިނަމަ ތެލުގެ އަގަށް ބޮޑު އަސަރެއް ކުރާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

ތެލުގެ އަގަށް ބަދަލު ގެނެސް ހަކަތައަށް ކުރާ ހަރަދު ބޮޑުކުރުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ގެއްލުންވާ ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން އަންނަނީ އޯޕެކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިކަމަށް ރައްދު ދެމުން އޯޕެކުން ބުނީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުން ފައިސާ ޗާޕް ކުރާ މިންވަރު އިތުރުކުރުމުގެ ސަބަބުން އިންފްލޭޝަން މަތިވުމުން ތެޔޮ އެކްސްޕޯޓު ކުރުމުގެ އަގު ދެމެހެއްޓުމަށް ތެޔޮ އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުކަމަށެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރާނެކަން އޭޕްރީލްމަހު އިއުލާނުކުރުމާއި ގުޅިގެން ތެލުގެ އަގު ވަނީ ފީފާއެއް 87 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ނަމަވެސް ފަހުން އަގު ކޮންމެވެސް ވަރަކަށް ވެއްޓި ފީފާއެއްގެ އަގު މިހާރު ހުރީ 75 އެމެރިކާ ޑޮލަރުގައެވެ.