ޚަބަރު

އައްޑޫގެ ތަރައްޤީ ފާހަގަކުރުމަށް މިރޭ ހަވާއަރުވަނީ


އައްޑޫގެ ތަރައްޤީއަށް އަންނަ ކުރިއެރުން ފާހަގަކުރުމަށްޓަކައި މިރޭ އައްޑޫ ސިޓީގައި ހަވާއެރުވުމަށް ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، އައްޑޫއަށް މިހާރު ލިބޭ ތަރައްޤީފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އެ ކައުންސިލުން މިރޭ ހަވާއެރުވުމަށް ނިންމާފައިވާކަމަށެވެ. ހަވާ އެރުވުން އޮންނާނީ ހިތަދޫގައި ހުންނަ އައްޑޫސިޓީ ސްކޮޔާގައެވެ.

އައްޑޫސިޓީގެ ތަރައްޤީ ފާހަގަކޮށް މިރާ ހާވާ އެރުވުމަށް ނިންމާފައިވަނީ އެ ސިޓީގައި ބޮޑެތި މަޝްރޫޢުތަކެއް ފަށާ ކުރިއަށްދާ ވަގުތެއްގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. އަދި މިއަދު ހަވީރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހިނގާނުހިނގާގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި އައްޑޫސިޓީގެ ކައުންސިލާއި ބައްދަލުކުރައްވާ، އައްޑޫގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި، ކައުންސިލާއި ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަމާގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.