ޚަބަރު

ސިޔާސީ ދަޢުވާއެއްކަން ސާބިތުކުރުމަށް މުހުތާޒް ހާޒިރުކުރަން އެދެފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ޓެރެރިޒަމްގެ ދަޢުވާ އުފުއްލަވައިފައިވަނީ ސިޔާސީ ނުފޫޒާއެކުކަން ސާބިތުކޮށްދިނުމަށް ކުރީގެ ޕީ.ޖީ މުހުތާޒް މުޙުސިން ސުޕްރީމް ކޯޓަށް ޙާޟިރުކޮށްދެއްވުމަށް ރައީސް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފިއެވެ.

ނަޝީދުގެ ފަރާތުން މުހުތާޒް ޙާޟިރުކޮށްދެއްވުމަށް ހުށައެޅުއްވީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވަވާފައިވާ 13 ޖަލުޙުކުމާ ގުޅިގެން ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ ޞައްޙަކަން ކަށަވަރު ކުރެއްވުމަށް ދައުލަތުން ސުޕްރީމްކޯޓަށް ހުށައަޅުއްވައިފައިވާ އިސްތިޢުނާފް މައްސަލައިގެ މިއަދުގެ އަޑުއެހުމުގައެވެ. މިމައްސަލައަށް ތަތައްޚުލުވި ފަރާތެއްގެ ޙައިޞިއްޔަތުން ނަޝީދުގެ ފަރާތުން ޖަވާބުދާރީވެވަޑައިގަންނަވަމުން ނަޝީދުގެ ޤާނޫނީ ޓީމުން ވިދާޅުވީ ދައުލަތުން ނަޝީދުގެ މައްޗަށް ކުރިން ހުށައަޅުއްވައިފައިވާ ކުށެއް ނުކުރާ މީހަކު ޤާނޫނާ ޚިލާފަށް ހައްޔަރުކުރިކަމުގެ ކުށުގެ ދަޢުވާ އަނބުރާ ގެންދަވައި، ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ދަޢުވާ ކުރައްވައިފައިވަނީ ސިޔާސީ ނުފޫޒުންކަމަށެވެ.

މިއަދު ބޭއްވެވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފެވެ. ނަޝީދުގެ މަށްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށްދެއްވުން އެދި ނަޝީދުގެ ޤާނޫނީ ޓީމުން 15 ނުކުތާއެއް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ލިބިފައި ނުވާކަމަށް ވިދާޅު ފާހަގަކުރައްވާފައިވާ ނުކުތާއެއްވެސް ހިމެނެއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ 4 ކަމެއް ކަށަވަރު ކޮށްދެއްވުމަށް އެދިވަޑައިގެން ސުޕްރީމްކޯޓަށް ހުށައަޅުއްވައިފައެވެ. އޭގެ ތެރޭގައި، ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއިން ދިފާޢުވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިގެންފައިވާކަން ދައުލަތަށް ޤަބޫލުކުރެއްވޭތީ އެކަން ކަށަވަރުކޮށްދެއްވުމަށާއި، ޤާނޫނީ ވަކީލަކު އައްޔަންކުރެއްވުމަށް އެކަށީގެންވާ ފުރުޞަތު ޝަރިއްޔަތުން ނަޝީދަށް ދެއްވައިފައިވާކަން ކަށަވަރުކޮށްދެއްވުން ހިމެނެއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލިސް ނިންމަވައިލެއްވީ ނަޝީދުގެ ވަކީލުންގެ ފަރާތުން ހުށައެޅުއްވިކަން ކަމަށް ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމެއްގައި ފުރުޞަތު ދެއްވާނެކަމަށް އިޢުލާން ކުރައްވަމުންނެވެ.

މިމައްސަލަ ބައްލަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުޅިމަޖިލިސް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.