ވިޔަފާރި

އެޗްޑީސީން ތިނަދޫގައި ޤާއިމުކުރާ ޑީކޯ ޗެމްބަރ މިމަހު ނިމޭނެ


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ގދ. ތިނަދޫގައި ޤާއިމުކުރާ ޑީކޯ ޗެމްބަރގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ޤާއިމުކުރާ މި ޑީކޯ ޗެމްބަރއަކީ އެޗް.ޑީ.ސީގެ އާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެޗްޑީސީން މި ޑީކޯ ޗެންބަރގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރިޗު މަހުއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު އެއްކޮށް ނިންމާލެވޭނެކަމަށެވެ.

އެޗް.ޑީ.ސީގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ދަނީ ހިންގަމުންނެވެ. މިއީ ވެސް އެފަދަ މަސައްކަތެކެވެ. އެޗް.ޑީ.ސީއިން ތިނަދޫގައި ޤާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގެ ރަށެއްގައި ޤާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރއެވެ.

ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުޞަތު ބޮޑުއިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަޙައްދުގައި ވަނީ ހިނގާފައެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަޙައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ފަރާތުން ތިނަދޫގައި ޤާއިމްކުރާ ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށްކަމަށެވެ.