ރިޕޯޓް

އައިޖީއެމްއެޗްގެ 25 ބުރީގެ ޢިމާރާތް:ޞިއްޙީދާއިރާއަށް އިންޤިލާބެއް


އައިޖީއެމްއެޗްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެ ހޮސްޕިޓަލުން ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައިވެއެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކަށް ޚިދުމަތް ދިނުމަށް މިހާރު އެހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް ސަރުކާރުން ވަނީ 25 ބުރީގެ ޢިމާރާތެއް އެޅުއްވުމަށް ކަނޑައަޅުއްވައި އެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކުރައްވާފައެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭގޮތަށް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި 25 ބުރީގެ ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިޢިމާރާތުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރެއްވީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ހަތްދިހަހާހަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން އެކި ކަންކަމަށް ފަރުވާ ހޯދާފައިވުމަކީ މިހާރު ހުރި ޢިމާރާތް ސިއްޙީ ޚިދުމަތަށް އެންމެ އެކަށީގެން ނުވާކަން އަންގައިދޭ ހެތްކެކެވެ.  އައިޖީއެމްއެޗްގެ އާ އިމާރާތަކީ، މިހާ ގިނަ ޢަދަދެއްގެ ބަޔަކަށް ޚިދުމަތްދިނުމުގައި އައިޖީއެމްއެޗަށް މިހާރު ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އަޅުއްވާ ޢިމާރާތެކެވެ.

އައިޖީއެމްއެޗްގެ މި އާ ޢިމާރާތަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޢިމާރާތައް ވެގެންދާނެއެވެ. މި އިމާރާތް އެޅުއްވުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވާ ސިންގަޕޫރުގެ ކުންފުނީގެ އޮފިޝަލް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ޢިމާރާތް އަގުބޮޑުވެގެންދަނީ އެހެން އިމާރާތްތަކާ ޚިލާފަށް ހޮސްޕިޓަލެއްގައި ކަންކަން ހުންނަންޖެހޭ ގޮތް ތަފާތުވުމުން ކަމަށެވެ. އެގޮތުން ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރުމާއި، ރޭޑިއޭޝަން ނުފެތުރޭގޮތަށް ޝީލްޑްކުރުމާއި، ޞިއްޙީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަތަކެތި ރައްކާތެރިކަމާއެކު ބަހައްޓަންޖެހުން މި ސަބަބުތަކުގެ ތެރޭގައި އޮފިޝަލް ފާހަގަކުރެއްވިއެވެ.

މި ޢިމާރާތް ފަރުމާކުރެވިފައިވަނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ރާއްޖޭގެ މާޙައުލާ ވީހާވެސް ގުޅޭގޮތަކަށް ކަމަށް މިތަން ޢިމާރާތްކުރައްވަން ޙަވާލުކުރައްވާފައިވާ ކުންފުނިން ބުނެއެވެ.

މިޢިމާރާތް ފަރުމާ ކުރުމުގައި އެކި ޑިޕާޓްމަންޓްތައް ފަރުމާ ކުރެވިފައިވަނީ ރާއްޖޭގެ ޤުދްރަތީ ރީތިކަމާވެސް ގުޅުވައިގެންނެވެ. އެގޮތުން ރާއްޖޭގެ ރުއްގަހުގެ ކުލަތައް ކްލިނިކަލް ޑިޕާޓްމެންޓްތަކުގައި ހުރިއިރު، ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފްލޯތަކުގައި ބޭނުންކުރަނީ ވިލުތަކާއި އުޑުމަތިން ފެންނަ ނޫ ކުލައެވެ. އަދި ސްޓާފުންނަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ބޭނުންކުރަނީ ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތަކުން ފެންނަ ކުލަތަކެވެ.

އާ ޢިމާރާތުގެ އެންމެ ތިރީގެ ކޮމްޕައުންޑް ފަރުމާކޮށްފައިވަނީ ކާރިސާއެއް ކުރިމަތިވާ ޙާލަތްތަކުގައި ބަލި މީހުންނަށް ފަރުވާދެވޭ ގޮތަށެވެ.

މި އިމާރާތް ފަރުމާކުރައްވައިފައިވާ ގޮތުން ހަ ފަންގިފިލާއެއް ޚާއްޞަކުރެވޭނީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ޤާއިމްކުރައްވައި ހިންގެވުމަށެވެ. ޑޮކްޓަރަށް ދެއްކުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުލީލުތަކެއް މި ޢިމާރާތައް ބަދަލުކުރެވިގެންދާނެއެވެ. އޭގެތެރޭގައި ލެބޯޓްރީއާއި، ހިތުގެ ބަލިތަކަށް ޚާއްޞަ ސެންޓަރާއި، ކިޑްނީގެ ބަލިތަކަށް ޚާއްޞަ ސެންޓަރު އަދި ތަފާތު ސްކޭންތައް ކުރުންވެސް ހިމެނޭ. މި ޑައިގްނޯސްޓިކް ސެންޓަރުން މި ސަރަޙައްދުގައި ލިބޭ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގެންދާނެއެވެ.

އާ ޢިމާރާތުގައި ޑޮކްޓަރުން ބަލި މީހުން ބަލަން ބޭނުންކުރާ ކޮންސަލްޓޭޝަން ރޫމްތަކަކީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ ވަގުތުން ފަރުވާދޭ ކޮޓަރިތަކަށް ބަދަލުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮޓަރިތަކެކެވެ.

މިހާރު އައިޖީއެމްއެޗް ހިންގަވާ ޢިމާރާތުގައި ހުރި ހުރިހާ ޑައިގްނޯސްޓިކް ފެސިލިޓީއެއް އާ ޢިމާރާތަށް ބަދަލުކުރެއްވުމަށްފަހު މިހާރު ހުރި ޢިމާރާތުގައި ބަލި މީހުންނަށް  އެނދު އިތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތް ނިމުމުން ސަރުކާރުގެ ޢަމާޒު ކަމަށްވާ ފައްސަތޭކަ އެނދުގެ ޓާރޝަރީ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވެގެންދާނެއެވެ.

މި އާ ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއްވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއް ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫލްވެސް ހިމެނެއެވެ. ފަސް ފަންގިފިލާއެއް ޚާއްޞަކުރެވިފައިވަނީ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށެވެ. މީގެ އިތުރުން އަލިފާނުގެ ޙާދިސާއެއް ދިމާވާ ޙާލަތެއްގައި އަލިފާން ފެތުރިގެން ނުދާ ފަދަ ޚާއްޞަ އިންތިޒާމްތަކެއްވެސް މި އިމާރާތުގައި ޤާއިމް ކުރެވިގެންދާނެއެވެ.

ޖުމްލަ ސަތޭކަ ސާޅީސް މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން އަޅުއްވާ ފަންސަވީސް ބުރީގެ މި ޢިމާރާތް ނިންމަވައި ދެހާސް އަށާރަވަނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. މިޢިމާރާތް ނިމުމުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، މިދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވާނެއެވެ.