ވިޔަފާރި

ގަން އެއަރޕޯޓް ތަރައްޤީކުރުން - އައްޑޫގެ އިޤްތިޞާދު އެތައް ގުނައެއް ކުރިއަރާނެ


ގަން އިންޓަނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މަސައްކަތް ފެށުމަށް ސަރުކާރުން މިހާރު ވަނީ ތައްޔާރުވެފައެވެ.

ގަން އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއިއެކު ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 5 ވަނަ ދުވަހުއެވެ. މުޅި މި މަޝްރޫޢަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައިވާ ގަން އިންޓަނޭޝަލް އެއަރޕޯޓް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުގެ އެހެނިހެން އަތޮޅުތަކުގެ އިޤްތިޞާދަށްވެސް ނުހަނު މުހިއްމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން މިހާރު ތައްޔާރުވެފައިވާއިރު މި މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ނިންމާ، ބޭނުންކުރަން ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް ނާރާނެހެންނެވެ. ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށާއި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގައިވެސް ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެކެވެ.

އެގޮތުން މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީއާއި، ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިން ގެނައުމަށް ޑޮމެސްޓިކް ޓްރާންސްފަރތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާއި، ބޭރުގެ އެއަރލައިންތަކާއި އެއަރޕޯޓު ގުޅުވާލުމުން ދެކުނުގެ ރަށްރަށުން އެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން، ދަތުރުތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި މިއީ އެހެނިހެން ދާއިރާތަކުންވެސް ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދާ މުހިއްމު ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ފަތުރުވެެރިކަން ތަރައްޤީވެފައި ނެތުމަކީ އެ ސަރަހައްދުގެ އާންމުންނާއި އަދި ވިޔަފާރިތަކުގެވެސް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މި މަޝްރޫއު ވެގެންދާނީ މި މަންޒަރު ބަދަލުކޮށްލާނެ ބިޔަ ޕްރޮޖެކްޓަކަށެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރެވިގެންދާނެއެވެ. މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަޞީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއި، މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއާއިއެކު އެ ސަރަހައްދުން 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

2 އަހަރު ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިމި، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު އެ ސިޓީގެ ޢިޤްތިޞާދު އެތައް ގުނައެއް ފުޅާވެ، ރައްޔިތުންނަށް ލިބޭ އާމްދަނީވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ.