ރާއްޖެއިން ޙައްޖާއި ޢުމްރާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ގަނެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ބުނީ ޙައްޖާއި ޢުމްރާއަށް ފުރާ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޖޫން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކަށް ޑޮލަރު ދޫކުރުމަށް ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހަފްތާ ބަންދު ދުވަހެއްކަމަށްވާ ހޮނިހިރު ދުވަހުވެސް އެ ފަރާތްތަކަށް ޑޮލަރު ނެގޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
* އާދިއްތަ އިން ބުރާސްފަތި ދުވަހަށް: 12:00 އިން 14:00 އަށް (ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހައި ބްރާންޗަކުން)
* ހޮނިހިރު ދުވަސް: ހެނދުނު 09:00 އިން 13:00 އަށް (އިސްލާމިކް ބްރާންޗް އަދި މެއިން ބްރާންޗުން)
ބީއެމްއެލްއިން ބުނީ ކޮންމެ މީހަކަށް ދޫކުރާނީ 500 ޑޮލަރުކަމަށެވެ. މި ޚިދުމަތް ހޯދަން ކިޔުބީ މެދުވެރިކޮށް ޓޯކަންވެސް ނެގޭނެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް މިއަހަރުވެސް ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާ ކަމަށެވެ. އެގޮތުން ހައްޖުވެރިން ތިބި ލޮކޭޝަންތައް ބަލައި ބަސްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.
ބަސްތަކުގެ އިތުރުން މީހުން އިތުރުވެދާނެތީ ފެރީވެސް ހަމަޖައްސަވާނެ ކަމަށާއި ފެރީތަކާއި ބަސްތަކުގައި ޖާގަ އޮތް މިންވަރަކުން އާއިލާގެ މެންބަރުންނަށް ދެވޭނެކަމަށެވެ. އެއަރޕޯޓްގައިވެސް އެމްއޭސީއެލް އާއި އެހެން ކުންފުނިތަކާ ގުޅިގެން ޙައްޖުވެރިންނަށް ފަސޭހަވާނެފަދަ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރަން ފަށާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެގޮތުން 12 ވަނަ ދުވަހު ފުރަތަމަ ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންނެވެ. މިދުވަހު އެކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ 296 ދިވެހިން ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެކި ދުވަސްމަތިން ޙައްޖަށް މީހުން ފުރަމުންދާނެކަމަށެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ގުރޫޕްތަކުގެ ތެރެއިން ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށް ދާ 87 މީހުން ފުރާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.